މަހަކަށް ވުރެން ގިނަ ދުވަސްވީއިރު ވެސް މުޝްފިގުގެ މަރު ސާބިތެއް ނުކުރެވޭ

މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ, އަލީ މުޝްފިޤު ޝަރީފުގެ މަރު ސާބިތުކުރަން އޭނާ ނިސްބަތްވާ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުން ފެށިތާ މަހަކަށް ވުރެ ގިނަ ދުވަސްވީއިރު އަދިވެސް ވަކި ގޮތެއް ނުނިންމާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ މުޝްފިގު ނިޔާވެއްޖެ ކަމަށް ނިންމައި އޭނާގެ މައްޗަށް މިދިޔަ މަހުގެ 11ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށު ނަމާދު ކުރުމަށް އޭނާގެ އުފަން ރަށް މާވަށު ކައުންސިލުން ނިންމިއެވެ. އެކަމަކު، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އޭރު ވިދާޅުވީ، ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ. އެކަމުގައި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ކަނޑަަށް ވެއްޓި ގެއްލިފައިވާ މީހާ މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިއަސް އެކަމުގައި ގާޒީއަށް ގޮތެއް ކަނޑައަޅައިދެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭރު ޝަހީމް ވިދާޅުވެފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ/ ރައީސް އޮފީސް އެހެންވެ، އެ ދުވަހު ބާއްވަން އޮތް ކަށުނަމާދު ވަނީ ކެންސަލްކޮށްފައެވެ. އޭގެފަހުން، ޝަހީމް ވިދާޅުވީ މުޝްފިޤުގެ އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން މިދިޔަ މަހު 18ވަނަ ދުވަހުގެ ހުކުރު ނަމާދަށް އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެހާތަނަށް މުޝްފިގުގެ މަރު ސާބިތުވެފައިނުވާތީ ކަށުނަމާދު ކޮށްފައެއް ނުވެއެވެ. މުޝްފިޤުގެ މަރު ސާބިތުކުރުން ހީކުރި ވަރަށް ވުރެ މިވަނީ ލަސްވެފައެެވެ. 'ސަން' އަށް މައުލޫމާތު ދެމުން މާވަށު ކޯޓުން މިއަދު ބުނީ އެ މައްސަލައިގައި ދެން އޮތީ އެންމެ ފަހު އަޑުއެހުން ކަމަށާއި ވަރަށް އަވަހަށް އެ އަޑުއެހުން ތާވަލުކުރާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް ނުބުނެއެވެ. އެންމެ ފަހުން މިދިޔަ މަހުގެ 28ގައި ވެސް އެ ކޯޓުން ބުނެފައިވަނީ ވަރަށް އަވަހަށް އެ މައްސަލައަށް ގޮތެއް ނިންމައި ހުކުމް ކުރާނެ ކަމަށެވެ. އަދި މި މައްސަލަ ދިގުލައިގެން ނުދާނެ ކަމަށް ވެސް ބުނެފައިވެވެ. ނަމަވެސް، މުޝްފިގް ގެއްލުނު ފަހުން މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފައެވެ. މިކަމަކީ މުޝްފިގުގެ އާއިލާގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. https://sun.mv/205335 'ސަން' އިން ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަދިވެސް މުޝްފިގު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ހުއްޓާނުލާ ކަމަށެވެ. "އަޅުގަނޑުމެން އަދި ކޭސް ކްލޯޒް ނުކުރަން. ހޯދުމުގެ މަސައްކަތެއް ހުއްޓައެއް ނުލަން،" އޮފިޝަލް ވިދާޅުވިއެވެ. ހޮޅުދޫ ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އެ ރޭގެ 21:07 ހާއިރުއެވެ. އެއާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އެ ބޯޓުގައި ރޯވި އިރު އޮތީ ތ. ކަނޑޫދޫ ކައިރީގައެވެ. ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު" ގައި 18 މީހުން ތިއްބެވެ. އޭގެތެރެއިން ސަލާމަތްވީ 17 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ