މިދިޔަ ހަފުތާގައި ސިޓީ ކައުންސިލުން 305 މައްސަލަ ބެލި، ގިނައީ ފެންތިކި ޖަހާތީ ހުށަހެޅި މައްސަލަ
މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން މިދިޔަ ހަފުތާގައި 305 މައްސަލަ ބެލިއިރު، އޭގެތެރޭގައި އެންމެ ގިނައީ އިމާރާތްތަކުން މަގުމައްޗަށް ފެންތިކި ޖަހާތީ ހުށަހެޅި މައްސަލަތައް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ. އިމާރާތްތަކުން ފެން ފައިބާ މައްސަލައަކީ ހައްލެއް ނުލިބި އޮތް ޒަމާންވީ މައްސަލައެކެވެ. އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަތައް ފާހަގަކޮށް، އެމީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. އެ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މިދިޔަ ހަފުތާގެ ނިޔަލަށް 305 މައްސަލައަށް ބެލިއިރު، އޭގެތެރެއިން 192 މައްސަލައެއް ވަނީ ބަލައި ނިންމާފައެވެ. މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: އާޒިމް ފޯ މޭޔާ ޕޭޖް މީގެ ތެރެއިން، 113 މައްސަލައެއް ދެވަނަ ފަހަރަށް ގޮސް ބަލައިފައި ޗެކްކޮށްފައިވާ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ އޭސީ އައުޓްޑޯ ޔުނިތަކާއި ދިޔަދޮވިން މަގުތަކަށް ފެން ތިކި ޖަހާތީ ކޮށްފައިވާ ޝަކުވާތައް ކަމަށް އެކައުންސިލުން ބުންޏެވެ. އެފަދަ 79 ޝަކުވާއެއް އެ ކައުންސިލަށް ވަނީ މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހެޅީ މަގުތަކާ ގޯޅިތަކުގައި ކުނި ބަހައްޓާފައި ހުންނަކަމުގެ މައްސަލައެވެ. އެ ބާވަތުގެ 74 ޝަކުވާއެއް ހުށަހަޅާފައިވާއިރު، ކުނީގެ މައްސަލައަކީ ވެސް މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނެތް ޒަމާންވީ ކަމެކެވެ. އެގޮތުން، މަގުތަކުގައި ކުނި ބަހައްޓާ މީހުން ހޯދަން، ސިޓީ ކައުންސިލުން އާންމުންގެ އެހީތެރިކަމަށް ވެސް ދޭތެރެއަކުން އެދެއެވެ. މީގެ އިތުރުން، މިދިޔަ ހަފުތާގައި މަގުގެ ގައުތައް ނުވަތަ ތާރުތައް ނެއްޓި ހަލާކުވެގެން 34 ޝަކުވާއެއް ސިޓީ ކައުންސިލަށް ރިޕޯޓުކުރިއެވެ. މާލޭ ސިޓީ ކައުންސިލުން އަންނަނީ، ރައްޔިތުންނަށް އުނދަގޫ ވާހެން ހުންނަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި، މަގުތައް މަރާމާތުކުރުމާއި މާލެ ސަރަހައްދުގެ ތަންތަން ބެލެހެއްޓުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ