ވިލިމާލޭގައި އިތުރު ހިތްފަސޭހަ މައިޒާނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ތަރައްގީކުރާ ދެވަނަ ހިތްފަސޭހަ މައިޒާން ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ކައުންސިލުން، މި މައިޒާން ތަރައްގީ ކުރަމުން އަންނަނީ ވިލިމާލެ ފެރީ ޓާމިނަލް ކުރިމަތީގައެވެ. އެ ކައުންސިލުން ބުނީ މާލެ ސިޓީއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިހާރު ވެސް ވިލިމާލޭގެ އިތުރުން، މާލޭގައި ވެސް ހިތްފަސޭހަ މައިޒާންތައް ހެދުމުގެ މަސައްކަތް ކައުންސިލުން ކުރާ ކަމަށެވެ. އެގޮތުން ގަލޮޅު ސަހަރާ ކުރިމަތިން އޮންނަ ހުސް ބިމުގައާއި، ކުރީގެ އިންޖީނުގެ ކުރިމަތިން އޮންނަ "ގަލޮޅު ސިޓީ" ޕާކުގައި ހިތް ފަސޭހަ މައިޒާނެއް ތައްރައްގީ ކުރަމުންދާ ކަމަށް އެ ކައުންސިލުން ބުންޏެވެ. https://x.com/MaleCitymv/status/1924405949651210311 ވިލިމާލޭގައި އިތުރު ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، ދާދި ފަހުން ކައުންސިލުން ވަނީ މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ. މުޅި ވިލިމާލެ ސާފުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން، ވިލިމާލޭގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކާނުތައް ސާފުކުރުމާއި ވިލިމާލޭގެ ހުސް ބިންތައް ސާފުކުރުމުގެ މަސައްކަތް ކަމަށް އެ ކައުންސިލުން ބުންޏެވެ. ވިލިމާލޭގެ ހުސް ބިންތައް ސާފު ކުރުމަށް ފަހު، ކައުންސިލުން ނިންމާފައި ވަނީ އެ ބިންތަކުގައި ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތައް ވެސް އިންދުމަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ. ވިލިމާލޭގައި މިހާރު އިސްރަށްވެހީންގެ މައިޒާނަކާއި ޕާކުތަކެއް ވެސް ހަދައިފައި ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ