ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ހުރި ކުއްޖެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޓީޗަރެއް ޖެހި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެ ދަރިވަރަކީ އައްޑޫ ސްކޫލެއްގައި ތައުލީމު ހާސިލު ކުރަމުންދިޔަ ދަރިވަރެކެވެ. އެ ދަރިވަރުގެ ބޮލުގައި ޖެހީ ސްކޫލުގެ ކްލާސްރޫމުގައި އިންދާ ކަމަށް އެ ކުއްޖާގެ އައިލާއިން މި ނޫހަށް ބުންޏެވެ.
"ކްލާހުގައި ބޯ ޖަހައިގެން އިންދާ ޖެހީ، ފެންބޯ [ދަގަނޑު] ފުޅިއަކުން،" އެ ކުއްޖާގެ އާއިލާ މީހަކު ބުންޏެވެ.
ކުއްޖާގެ ބޮލުގައި ޖެހުމުގެ ސަބަބުން ކުއްޖާއަށް ލިބުނު އަނިޔާގެ ތަފުސީލު ދެނެގަތުމަށް ޓެސްޓުތައް ހަދަމުންދާ ކަމަށް އާއިލާއިން ބުންޏެވެ.
"ޓެސްޓުތައް ހަދަމުން ދަނީ، މިއަދު ވެސް އެބައިން ޓެސްޓެއް [ހަދަން]،" އާއިލާ މީހަކު ބުންޏެވެ.
އެކަމާ ގުޅިގެން ސުވާލު ކުރުމުން ފުލުހުން ބުނީ އައްޑޫ ސްކޫލެއްގެ ޓީޗަރެއް އެ ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރެއްގެ ގައިގައި ޖެހި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
"އައްޑޫ ސިޓީގައި ހުންނަ ސްކޫލެއްގެ ޓީޗަރެއް، އެ ސްކޫލުގެ ދަރިވަރެއްގެ ގައިގައި ޖެހިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މެއި 12، 2025 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވޭ،" ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު ކުއްޖާއަކީ ކުޑަކުދިން އުފަންވާއިރު ދިމާވާ، 'ސެޖިޓަލް ކްރޭނިއޯސިނޮސްޓޯސިސް' ކިޔާ ހާލަތެއް ދިިމާވެގެން ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ ކުއްޖެކެވެ.
ސެޖިޓަލް ކްރޭނިއޯސިނޮސްޓޯސިސް އަކީ ކުއްޖާ އުފަންވާއިރު، ބޮލުގެ ނާށިގަނޑު އެއްކޮށް ގުޅިފައި ހުރުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. އެ ހާލަތު މެދުވެރިވާ ކުދިންނަށް އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ބޮލުގެ ބައްޓަން އާދަޔާހިލާފަށް ބޮޑުވެ، ސިކުނޑި އުފެދި ތަރައްގީވުމުގައި ވެސް މައްސަލަތައް ދިމާވެ އެވެ.
އެ ހާލަތު މެދުވެރިވާ ކުދިންނަށް ދޭ ފަރުވާއަކީ ބޮލުގެ ބޮޑު ސާޖަރީއެއް ހެދުމެވެ. އައްޑޫ ސްކޫލެއްގެ ޓީޗަރެއްގެ އަނިޔާގެ ޝިކާރައަކަށްވި ކުއްޖާއަކީ ވެސް އެ ސާޖަރީ ހަދާފައި ހުރި ދަރިވަރެކެވެ.
އެ މައްސަލައާ ގުޅިގެން މިހައިތަނަށް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ހުރި ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޓީޗަރަކު ޖެހި މައްސަލައެއް ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ހުރި ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޓީޗަރަކު ޖެހި މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ