ބެޑްމިންޓަން އެޑްހޮކް ކޮމިޓީ އެކުލަވާލައި ބައްދަލުވުމަކަށް ބެޑްމިންޓަން އެޑްހޮކް ކޮމިޓީ އެކުލަވާލައި ބައްދަލުވުމަކަށް

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ކަންކަން ރަނގަޅުކުރަން ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އެ ކޮޮމިޓީން އަންނަ އާދިއްތަ ދުވަހަށް ބައްދަލުވުމެއް ތާވަލުކޮށްފި އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ހައިސިއްޔަތު ނަގައިފަ އެވެ. މި ގޮތަށް ނިންމާފައިވަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ބަހެއް ހޯދައިގެން، ބީއޭއެމްގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި އަލިމަގެއް ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސް ވުމުންނެވެ.
ބީއޭއެމްގެ މެންބަރުންގެ ބައިވެރިވުމާ އެކު، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމި އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް އިން އިއްޔެ އާންމުކުރި މެމޯއެއްގައި ވަނީ އެޑްހޮކް ކޮމިޓީއެއް އެކުލަަވާލިކަން އިއުލާނުކޮށްފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައިސް، އަހުމަދު މުންތަގިމް (މުންތޭ)، ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދި، މިނިވަން ގާނޫނީ ވަކީލެއްގެ ގޮތުގައި އައިމިނަތު ޝަރީފް އެވެ.
ކޮމިޓީގެ ފަރާތުން މިއަދު، ގެޒެޓްކޮށްފައިވާ ގޮތުގައި، ބީއޭއެމްގެގެ ހިންގުމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރެވޭނެ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހު، ހަވީރު 17:00 ގައި، ހެންވޭރު ބޯޅަގޭ ތިން ވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުމުގައި ބީއޭއެމްގެ މެމްބަރުންގެ ތެރެއިން ވީހާވެސް ގިނަ މެމްބަރުން ބައިވެރިވުމަށް އެޑްހޮކް ކޮމިޓީން ވަނީ އެދިފަ އެވެ.
އެޑްހޮކް ކޮމިޓީގެ މަސައްކަތް ކޮމިޓީ އެކުލަވާލާ ތާރީހުން ފެށިގެން 45 ދުވަސް ތެރޭގައި ނިންމައި، އަލަށް އިންތިހާބު ކުރެވޭ ބީއޭއެމްގެ ހިންގާ ކޮމިޓީއާ އެ އެސޯސިއޭޝަން ހަވާލު ކުރެވޭނެ ކަމަށް މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
ބީއޭއެމްގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗް 11 ވަނަ ދުވަހަށް ހަމަވިއިރު، އެ އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލް ދަށަށް ގެންނަން ނިންމައިފަ އެވެ. އެ މައްސަލައާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުގައި އޭރު ހިންގަން ތިބި ފަރާތްތަކުން، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ކޯޓުން ނިންމީ ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށެވެ. އެ ނިންމުން އިސްތިއުނާފުކުރަން ހައި ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހުށަހަޅައިގެން ވެސް ކުރިއަށް ނުދިޔަ އެވެ.
ރާއްޖޭގެ ބެޑްމިންޓަނުގެ ކުރިމަގާ ގުޅޭގޮތުން، ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކުން، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްއާ މަޝްވަރާ ކުރި ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. އެހެންވެ، ސަރުކާރުން ކުޅިވަރު ގާނޫނުގެ ތެރެއިން ބަސް އިއްވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ