ބީއެމްއެލްއިން ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ހއ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމް ގާއިމްކޮށް، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު އަލަށް އޭޓީއެމްގެ ހިދުމަތް ފެށީ އުތީމު، ތުރާކުނު، އުލިގަމު، މުޅަދޫ، މާރަންދޫ، ތަކަންދޫ އަދި މުރައިދޫގަ އެވެ.
މި އާ އޭޓީއެމްތަކުގެ ހިދުމަތް ފެށުމަށް މިއަދު އެ ރަށްތަކުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޓް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ބޭންކުގެ ޗެއާޕާސަން އަހުމަދު އަލީ ހަބީދު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވި އެވެ.
ބުނީ ކީކޭ؟ - "'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ހއ. އަތޮޅުގައި އޭޓީއެމްތައް ގާއިމްކުރެވުމާ އެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ ދަތުރުގައި ވަރަށް ބޮޑު ކުރިއެރުމެއް މިވަނީ ލިބިފައި. މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް،" ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވި އެވެ.
"ދިރިއުޅޭ ރަށުގައި 24 ގަޑިއިރު އަސާސީ ބޭންކިންގެ ހިދުމަތްތައް ލިބޭނެ ވަސީލަތް ގާއިމުވުމާ އެކު ހއ. އަތޮޅުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މިއަދަކީ އިންގިލާބީ ބަދަލެއް ގެނުވާނެ ދުވަހެއް."
އެނގުން މުހިންމު - ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ ކަމަށްވާ ބީއެމްއެލްގެ ނެޓްވޯކުގައި:
20 އަތޮޅުގައި 39 ބްރާންޗު
107 ސެލްފް ސާވިސް ބޭންކިން ސެންޓަރު
165 އޭޓީއެމް 
އޭޖެންޓު ބޭންކިންގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ