އެމެރިކާއާ ސީދާ މަޝްވަރާތައް ކުރާކަށް ބޭނުމެއް ނޫން: އީރާން
އާ ނިއުކްލިއާ އެއްބަސްވުމަކަށް ގޮވާލައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުއްވި ސިޓީފުޅަށް އޮމާން މެދުވެރިކޮށް އީރާނުން ޖަވާބުދާރީވެފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޣީއާ ހަވާލާދީ އީރާނާގެ ރަސްމީ ނޫސް އެޖެންސީން (އިއާރްއެންއޭ)އިން ބުނެފިއެވެ. "އަޅުގަނޑުމެންގެ ސިޔާސަތަކީ އަސްކަރީ އިންޒާރުތަކެއްގެ ދަށުގައި ތިބެގެން ސީދާ މަޝްވަރާ ނުކުރުން، އެހެންނަމަވެސް، ކުރިން އޮތް ގޮތަށް ނުސީދާ މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ،" އަރާޣީއާ ހަވާލާދީ އީއާރްއެންއޭއިން ބުނެފައިވެއެވެ. އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވަނީ ނުސީދާކޮށް އެމެރިކާއާ މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އާ ނިއުކްލިއާ މަޝްވަރާތަކަށް ގޮވާލައްވައި ޚާމަނާއީއަށް ޓްރަމްޕް ސިޓީ ފޮނުއްވާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހެވެ. އަދި، އީރާނުން އެކަމަށް ދެކޮޅު ހަދާނަމަ އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު ވެސް ދެއްވާފައިވެއެވެ. މި މަހުގެ 12 ވަނަ ދުވަހު އެ ސިޓީ ތެހެރާނަށް ފޮނުއްވީ ޔޫއޭއީގެ ރިޔާސީ އެޑްވައިޒަރު އަންވަރު ގަރްގާޝްއެވެ. އީރާނުގެ ދައުލަތުގެ ހުރިހާ ކަންކަމުގައި އެންމެ ފަހުގެ ބަސް ވިދާޅުވާ ޚާމަނާއީ ވަނީ އެ ސިޓީފުޅުގައި އެމެރިކާއަކީ މަޝްވަރާތަކަށް އިސްވެ އެދޭ އަދި އީރާނަކީ އެ ކަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި ދުނިޔެއަށް ދައްކަން އުޅޭ ކަމަށް ތުހުމަތުކުރައްވާފައެވެ. ޓްރަމްޕްގެ އެ ސިޓީފުޅަކީ އިންޒާރެއް ކަމަށް އަރާޣީ ވެސް މިދިޔަ ހަފުތާ ވިދާޅުވިއެވެ. އެމެރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި އީރާންގެ ނިއުކްލިއާ ހަރަކާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅައި، 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު ވެވުނު އެއްބަސްވުމުން އެމެރިކާ ވަކިކުރުމަށް ނިންމަވާފައެވެ. އެމެރިކާއިން މިހާރު އަންނަނީ އީރާނުގެ ތާއީދު އޮންނަ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެ ޖަމާއަތަށް ހަމަލާތައް ދޭން ފަށާފައިވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިސްރާއީލުން ހުއްޓުވާފައި އޮންނަ އޮތުމާ ދެކޮޅު ހެދުމުގެ ގޮތުން ރަތް ކަނޑުގައި އިސްރާއީލާއި އިސްރާއީލާއި ގުޅުން އޮންނަ އުޅަނދުތަކަށް އަލުން ހަަމަލާ ދޭން ފަށާނެކަން ހޫތީން އިއުލާނުކޮށްފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ