ސޯނޫގެ ޝޯއެއް ފޯރިގަދަވެ، ސްޓޭޖަށް ގާ އުކައިފި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ދާދިފަހުން އިންޑިއާގެ ނިއުދިއްލީގައި ބޭއްވި މިއުޒިކް ޝޯގައި އޯޑިއަންސްގެ ތެރެއިން ބަޔަކު ސްޓޭޖަށް ގަލާއި ފުޅިތަކެއް އުކައިފިއެވެ. އިންޑިއާގެ ދިއްލީ ޓެކްނޮލޮޖިކަލް ޔުނިވަސިޓީގެ (ޑީޓީޔޫ) އެނގިފެސްޓް 2025އާ ގުޅިގެން ބޭއްވި މި މިއުޒިކް ޝޯ ބަލަން ގިނައިން ގޮސް ތިބީ ކިޔަވާ ދަރިވަރުންނެވެ. ދަރިވަރުންގެ ތެރެއިން ގިނަ ބަޔަކު ފޯރީގައި ސްޓޭޖަށް އުކަން ފެށި ގަލާއި ފުޅީގެ ސަބަބުން ސޯނޫގެ މިއުޒިކް ބޭންޑުގެ ބައެއް މެންބަރުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޯޑިއަންސްގެ ފަރާތުން މިފަދަ އަމަލުތައް ފެންނަން ފެށުމުން ސޯނޫ ވަނީ ރުޅި އިސްނުކޮށް ޝޯ ބަލަން ގޮސް ތިބި މީހުން ހަމައަކަށް އެޅުވޭތޯ މަސައްކަތްކޮށްފައެވެ. ސްޓޭޖްގައި ޕާފޯމުކުރަމުން ދިޔައިރު ސޯނޫ ވަނީ މިއުޒިކް ޝޯގެ ފޯރިއާއި ޖޯޝާ އެއްވަރަށް އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނުމަށް އެދި ނަސޭހަތްތެރިވެފައެވެ. ސޯނޫއާއި އޭނާގެ ޓީމުން ގޮސްތިބީ އޯޑިއަންސްގެ މުނިފޫހިފިލުވައިދިނުމަށް ކަމަށާއި ނަމަވެސް ލަވަކިޔުންތެރިޔާގެ ބޭންޑުގެ މެންބަރުންނަށް އިހުތިރާމު ކުޑަވާގޮތަށް އޯޑިއަންސްއަށް އެއްވެ ތިބި މީހުން އަމަލު ނުކުރުމަށް ސޯނޫ ވަނީ އެދިފައެވެ. ދިއްލީ ޓެކްނޮލޮޖިކަލް ޔުނިވަސިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސޯނޫގެ ކޮންސެޓު ބަލަން އެއް ލައްކައަށްވުރެ ގިނަ މީހުން ދިޔަ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ ކޮލްކަތާގައި ބޭއްވި ސޯނޫގެ މިއުޒިކް ޝޯ ބަލަންދިޔަ އޯޑިއަންސް ވެސް ކޮންޓްރޯލް ނުވެވިގެން ލަވަކިޔުންތެރިޔާއަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެ މިއުޒިކް ޝޯގައި ސޯނޫ ލަވަ އައިޓަމްތައް ހުށަހަޅަމުން ދަނިކޮށް އޯޑިއަންސްގެ ތެރެއިން ގިނަ ބަޔަކު ވަނީ ކޮޅަށް ތެދުވެފައެވެ. އެކަމުގެ ސަބަބުން ލަވަ އައިޓަމްތައް ހުށަހެޅުމަށް ހުރަސްއެޅި ސޯނޫ އޯޑިއަންސަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވާ މިފަދަ މިއުޒިކް ޝޯތަކުގައި މައްސަލަ ދިމާވުމަކީ މިހާރަކަށް އައިސް ވަރަށް އާއްމުކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ