ކައިވެނިކުރުމަށްފަހު ދިރިއުޅެން އޮތީ ދެމަފިރިންވެސް އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްގެންނެވެ. އެގޮތުން އަދާކުރަންޖެހޭ އެއްޙައްޤަކީ ދެމަފިރިންގެ މެދުގައި ކަންކަމަށް މަޝްވަރާކުރުމެވެ. ނަމަވެސް ގިނަ ޢާއިލާތަކުގައި މަޝްވަރާނުކުރެވޭކަން ފާހަގަކުރަންޖެހެއެވެ.
ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހޭ ގިނަ ޢާއިލާތަކަށް ބަލައިފިނަމަ އެންމެ ބޮޑު އެއް މައްސަލައަކަށްވެފައި އޮންނަނީ ދެމަފިރިންގެ މެދުގައި މަޝްވަރާ ނުކުރެވޭ ކަމެވެ. ޚާއްޞަކޮށް އަނބިމީހާ އާއި މަޝްވަރާނުކުރެވޭ ކަމެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ.
އަނބިމީހާގެ ޚިޔާލާ އެއްގޮތަށް ކޮންމެ ކަމެއް ނުކުރެވިވެސް ހިނގައިދާނެއެވެ. ނަމަވެސް މަޝްވަރާކުރާށެވެ! އަނބިމީހާގެ ޚިޔާލުވެސް ހޯދާށެވެ! އަނބިމީހާ ދައްކާ ވާހަކައާއިމެދު ރަނގަޅަށް ވިސްނާށެވެ. އެވާހަކަތަކުގައި ބުރަދަނެއް ނެތްކަމަށް ނިންމަންވާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ.
އަދިވެސް ބުނެލާނަމެވެ! ވަރަށް ގިނަ ކަންކަމުގައި ހެޔޮލަފާ އަނބިންގެ ވިސްނުން ވަރަށް ރަނގަޅުވާނެއެވެ. ދޭޚިޔާލުވެސް ރަނގަޅުވާނެއެވެ. ސަބަބަކީ ހެޔޮލަފާ އަނބިންނަކީ މާގިނަ ކަންކަމަށް ވިސްނާ ބައެއް ނޫނެވެ. އެމީހުންގެ ހުރިހާ ސަމާލުކަމެއް ޚާއްޞަކުރާނީ ފިރިމީހާ އާއި ދަރިންނަށެވެ! ޢާއިލީ ދިރިއުޅުމަށެވެ. ބޭކާރު ކަންކަމަކަށް ނުވިސްނާނެއެވެ.
އެއާއި ޚިލާފަށް ފިރިންގެ މަސްއޫލިއްޔަތު ބޮޑުވުމުން ނަމަވެސް ފިރިން ވިސްނާ ކަންކަން ގިނަވާނެއެވެ. ވީމާ ކުރަންޖެހޭ ކަންކަމަށް ވިސްނޭމިންވަރު ގިނަފަހަރުކުޑަވާނެއެވެ. ވަޤުތުވެސް ނުވާތީ އާއިއެކުގައެވެ.
ކަންކަމުގައި އަނބިންގެ ޚިޔާލުހޯދުމާއި މަޝްވަރާކުރުމަކީ ސުންނަތެކެވެ. ވީމާ އެއީ ފިރިމީހާގެ ދަރަޖަ ކުޑަވާނެ ކަމެއް ނޫނެވެ! އަދި ކިއެއްތަ ދަރަޖަ މަތިވެ ފައިދާކުރާނެވެސް ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
މިހާރު ގެތައް އަޅަނީ އޮޅިގަނޑެއް ނެތިކަމަށްވުމުން ގޭގެ އޮޅިގަނޑަކީ ކޮބައިކަންވެސް ގިނަ ބައަކަށް ނުވިސްނިދާނެއެވެ. ކުރީ ޒަމާނުގައި ގޭގޭގެ ދޮރުތައް ހުންނާނީ ތަޅުންގަނޑާއި އެއް ހަމައަކު ނޫނެވެ. ފާރުކޮޅެއް ރާނައި ތަންކޮޅެއް އުފުލައިފައެވެ. ގެއަށް ވަދެވޭނީ ފައި އުފުއްލައިގެންނެވެ. އެކަމަށް ކިޔައި އުޅޭނީ އޮޅިގަނޑު ގިރާކުރުމެވެ.
އެޒަމާނުގައި އަނބިންނަށް "ގޭގެ އޮޅިގަނޑު" ކިޔައި އުޅުނެވެ. ދާދިފަހަކާއި ޖެހެންދެންވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. އެއިގެ މާކުރީގެ ޒަމާނަށް ބަލައިފިނަމަ އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ ސިޔަރަތުންވެސް މިކަންކަން އެނގިގެންދާނެއެވެ.
އިސްމާޢީލްގެފާނުގެ ފުރަތަމަ އަނބިކަނބަލުން ވަރިކުރައްވަން އިބްރާހީމްގެފާނު ވިދާޅުވި ބަސްފުޅުގައި ވިދާޅުވެފައިވަނީ ގޭގެ އޮޅުގަނޑު ބަދަލުކުރެއްވެވުމަށް ކަމަށްވުމުންނެވެ. މިއީ އަހަރެމެން އެންމެން ދަންނަ ވާހަކައަކަށްވުމުން އިތުރު ތަފްޞީލަށް ދާކަށް ނެތީމެވެ.
މިގޮތަށް ވިސްނައިލާށެވެ! ގެއަކަށް ވަދެވެނީ އޮޅިގަނޑު ގިރާކޮށްފައެވެ. މިބަސް އަހުރެން މާނަކުރަން ބޭނުންވަނީ އެގެއެއްގައި ހިނގާ ކަންކަން ހިނގަންވާނީ ގޭގައި އިންނަ އަނބިމީހާ ރުހޭނެ ގޮތަށް ކަމެވެ. އޭނާގެ މަޝްވަރާގެވެސް މަތީން ކަމެވެ. އެގެއެއްގައި އުފަލާއި ހިތްހަމަޖެހުން އޮންނާނީ އެއިރުންކަމަށްވާތީއެވެ.
މީގެ މާނައަކީ ހުރިހާ ބާރުތަކެއް އަނބިމީހާއަށް ދޫކޮށްލުމެއްވެސް ނޫނެވެ. މިބުނާ ވާހަކައަކީ އަނބިމީހާ އާއި މަޝްވަރާކޮށްގެން ކަންކަން ކުރުމުގެ މުހިންމުކަމެވެ. އެއްވެސް ޙާލެއްގައި އެއީ ޢާއިލާގެ އިސްމީހަކީ ފިރިމީހާ ކަމަށްވުމުގެ ދަރަޖަ ގެއްލިގެން ދިއުމެއްވެސް ނޫނެވެ. ދަރަޖަ މަތިވެރިވުމެވެ.
އިސްލާމް ދީނުގައި މަޝްވަރާކުރަން އޮތީ ހަމައެކަނި ޤައުމުގެ ވެރިކަން ހިންގާކަށް ނޫނެވެ. ގޭގެ ވެރިކަން ހިންގަންވެސް އޮތީ ހަމަ މަޝްވަރާކުރުމެވެ.
އިބްރާހީމްގެފާނުގެ ބަސްފުޅާއި ގުޅުންހުރި ލިޔުމެއް އިސްލާމް ކިޔޫއޭއިން:
https://islamqa.info/en/answers/98414/he-is-asking-about-the-words-of-ibraaheem-peace-be-upon-him-to-ismaaeel-change-your-doorstep
ހެޔޮލަފާ އަނބިންގެ ވިސްނުން މާތޫނުވާނެ! ދޭޚިޔާލަށް ޢަމަލުކުރީމާ ކުރާ ފައިދާވެސް ބޮޑުވާނެ! އެއީ ސުންނަތުގައިވެސް ކުރަން އޮތްކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ