ސިޔާސީ މުވައްޒަފުންގެ ގޮތުގައި ފޮރިން މިނިސްޓްރީއަށް އައްޔަނު ކުރެވޭނެ ކަމަށް ފޮރިން ސާވިސް ގާނޫނުގައި ބަޔާން ކުރާ އަދަދަށްވުރެ ފަސްގުނަ އިތުރަށް އެ މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން އައްޔަނު ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް އިއުތިރާފުވެވަޑައިގެންފި އެވެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް، ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދި ފޮނުއްވި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ފޮރިން މިނިސްޓްރީގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި 132 މުވައްޒަފުން އެބަ ތިބި ކަމަށެވެ.
"ޖެނުއަރީ 2025 ގައި ހެޑްކުއާޓާސްގައި ތިއްބެވި ފޮރިން ސާވިސް ސްޓާފުންގެ އަދަދަކީ 93، މިޝަންތަކުގައި 46، ޖުމުލަ 139، ހަމަ އެ ތާރީހުގައި ޕޮލިޓިކަލް ސްޓާފުން ހެޑްކުއާޓާސްގައި ތިއްބެވީ 28، މިޝަންތަކުގައި ތިއްބެވީ 104، ޖުމުލަ 132،" ހަލީލްގެ ޖަވާބުގައި ލިޔުއްވާފައިވެ އެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ފޮރިން މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން އައްޔަނު ކުރެވޭނީ ފޮރިން ސާވިސް މުވައްޒަފުންގެ ޖުމުލަ އަދަދުގެ 20 ޕަސެންޓަށްވުރެ މަދުންނެވެ. އެހެންކަމަށްވާނަމަ، ފޮރިން މިނިސްޓްރީގައި މިހާރު އެ ތިއްބެވި 139 މުވައްޒަފުންގެ 20 ޕަސެންޓަކީ 27.8 އެވެ. އެހެންކަމުން ފޮރިން މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުންގެ ގޮތުގައި 28 މުވައްޒަފުންނަށް ވުރެ ގިނައިން އައްޔަނެއް ނުކުރެވޭނެ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ އަދަދު 3000 އަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް އެކި މަސްދަރުތަކުން މައުލޫމާތު ލިބެ އެވެ.
މިހައިތަނަށް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރެ އެެވެ. ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަ ނުކުރަން ސަރުކާރުން ކޯޓަށް ދެ ފަހަރު މައްސަލަ ވެސް ހުށަހެޅި އެވެ.
ފޮރިން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު، ގާނޫނު ހުއްދަކުރާ ވަރަށް ވުރެ ފަސްގުނަ އިތުރު ފޮރިން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު، ގާނޫނު ހުއްދަކުރާ ވަރަށް ވުރެ ފަސްގުނަ އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ