އައްޑޫ އިން ކަރަންޓު ކެނޑޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.އައްޑޫ އިން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ.ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫއަކީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސިޓީ ކަމަށާއި އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރުން ތަކުރާރުކޮށް އިހުމާލުވަމުންދާ ކަމަށެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ވެސް ތިން މެގަވޮޓުގެ ދެ ޖެންސެޓު ބޭނުންވާ ކަމަށް އައްޑޫ ޕަވަސްޓޭޝަނުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް، އައްޑުއަށް ގެންގޮސްފައިވަނީ 1.8 މެގަވޯޓުގެ އެންމެ ޖެންސެޓެއް ކަމަށް ނާޒިލް ވިދާޅުވި އެވެ. ކުއްލި މައްސަލާގައިވާ ގޮތުން މިއީ އައްޑޫއަށް އެކަށީގެންވާ ވަރަށް ވުރެ ދަށް އަދަދެކެވެ.ކުއްލި މައްސަލަ ބަލައިގަތުމާ މެދު، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގައި ނެގި ވޯޓުގައި 47 މެންބަރަކު ވޯޓު ދެއްވީ ބަލައިގަތުމާ ދެކޮޅަށެވެ. ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. އެއީ އެމްޑީޕީގެ 11 މެންބަރަކާއި އައްޑޫ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާނާއި ވެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އައްބާސް އެވެ.އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓު ނަމަވެސް ޖެނަރޭޓަރު ސެޓްތައް ހަލާކުވެ މިދިޔަ އަހަރުން ފެށިގެން ކަރަންޓުގެ މައްސަލަ ބޮޑުވެ، ޝަކުވާ އިތުރުވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ