މެމްބަރު މައުރޫފާއި އިތުރު ހަތް މީހަކަށް ދައުވާކޮށްފި

އޮކްޓޫބަރު 3 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭގޮތަށް 8 މީހަކަށް ދައުވާ ކޮށްފި އެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ 2025 އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ފެބްރުއަރީ 26 ވަނަ ދުވަހު ދައުވާކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ، އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، މައުރޫފް ޒާކިރު، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒް، ފާތިމަތު ޒަހިއްޔާ އަދި ހުސައިން ރަޝީދުގެ މައްޗަށެވެ. މި މީހުންގެ މައްޗަށް ކޮށްފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލާގައި އިތުރު 7 މީހަކަށް ތުހުމަތުކުރެވޭ ކަމަށާއި ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައި ނުވާތީ އަދި ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތުމުން އެ މީހުންގެ ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، މުޒާހަރާއާ ގުޅުންހުރި މައްސަލަތަކުގައި ދައުވާކުރުމުގައި ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ހާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ، ދައުވާކުރުމުގެ އާންމު މަސްލަހަތުތު އޮތްކަމަށް ބަލައި ދައުވާ ކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ