ބޭރުން ރޯދަ ވީއްލުމުގެ ސަގާފަތް: ދިރިއުޅުމުގެ ޒަމާނީ ބަދަލެއް

އޭރު މާލޭގެ ގިނަ ހޮޓާތައް ބަންދުކުރާނީ އެވެ. ކައްކާއިންނާއި ވޭޓަރުން ދާނީ ރަށަށެވެ. އެއީ އެ މީހުންނަށް ޗުއްޓީ މަހެވެ.
އެއީ 1990ގެ އަހަރުތަކުގެ ކުރީކޮޅުގެ ހާލަތެވެ. އޭރު ހޮޓާތަކުގެ ގިނަ ކައްކާއިންނާއި ވޭޓަރުންނަކީ ދިވެހިންނެވެ. ރަށްރަށުން މާލެ އައިސް ވަޒީފާ އަދާކުރި މީހުންނެވެ. ރޯދަމަހު އެ މީހުން މިސްރާބު ޖަހާނީ ރަށަށް، އާއިލާ ކައިރިއަށެވެ.
ރާއްޖޭގެ ވެރިރަށް މާލޭގައި، ދިރިއުޅުމުގެ ޒަމާނީ ބަދަލުތަކާ އެކު، ރޯދަ ވީއްލުމުގެ ސުފުރާތައް، ހޮޓާތަކާއި ރެސްރޯޓެންޓްތަކުގެ މޭޗު މަތީގައި ދަމާލުން އާންމުވީ މީގެ 30 އަހަރު ކުރިންނެވެ. އެހާ ހިސާބުން ގޭގައި ރޯދަ ވީއްލުމުގެ ބަދަލުގައި، ބައެއް ދުވަސްދުވަހު އެކުވެރިނާ އެކު، ނޫނީ އާއިލާއާ އެކު، ނޫނީ އޮފީސް މުވައްޒަފުންނާ އެކު، ހޮޓާ/ކެފޭ/ރެސްޓޯރެންޓްތަކުގައި ރޯދަ ވީއްލުމުގެ ސަގާފަތް ތައާރަފުވީ އެވެ.
މާލޭގައި 1990ގެ އަހަރުތަކުގެ ކުރީކޮޅު ރެސްޓޯރެންޓްތައް ވެސް އެހާމެ މަދެވެ. އާދައިގެ ހޮޓާތަކުގެ 'އާދައިގެ ކެއުންތައް' ދޫކޮށް ގިނަ މީހުން ޒަމާނީ ތަފާތު ކެއުންތަކަށް ޑިމާންޑްކުރާ ވަރަށް އަތްމަތި ތަނަވަސްވާން ފެށުމާއި ކެފޭ/ރެސްޓޯރެންޓް ވިޔަފާރި ފުޅާވުން އައީ އެކުއެކީގަ އެވެ. އެހެންކަމުން މިއީ ދިރިއުޅުމުގެ ފެންވަރު މަތިވުމާއި ބޭރުން ކެއުމަށް ހޭދަކުރުމުގެ މާލީ ގާބިލްކަމާ ގުޅިފައި އޮތް ބަދަލެކެވެ.
އެކަމަކު ރެސްޓޯރަންޓްތަކުގައި ރޯދަ ވީއްލުން ތައާރަފުކުރި ފުރަތަމަ ދުވަސްކޮޅުގެ ސުފުރާ މަތި، މިހާރު މި ފެންނަހާ ތިޔާއްގެއް ނޫނެވެ. މިހާރަށް ބަލާ ނަމަ ކުރިން ލިބުނީ ވަރަށް އާދައިގެ ބުފޭއެކެވެ.
ހަނދާން އެބަ ހުއްޓެވެ. އޮފީހުގެ ރަހުމަތްތެރިންނާ އެކު އޭރުގެ މަޝްހޫރު ރެސްޓޯރަންޓަކަށް ރޯދަ ވީއްލަން ދިޔަ ދުވަހެކެވެ. ހިކިކޮށް ކުކުޅު ފައި ހަދާފައި ހުއްޓެވެ. ބުފޭއެއް ނަމަވެސް ކުކުޅު ފައި ހުރީ އޯޑަރު ދިން މީހުންގެ އަދަދަށް ކަމަށް، ގިނަ ރަހުމަތްތެރިންނަށް އެނގުނެވެ. އެކަމަކު އޭގެ ތެރެއިން އެކަކު ދެ ފައި ނެގި އެވެ. އޭގެ ސަބަބުން ކުކުޅު ނުލިބުނު އެކުވެރިޔާ ރުޅިއައިސް އޭތިމީއްޗަށް ގޮވާލީ އެވެ.
ރޯދަ ވީއްލާ ވަގުތަށް ވީމާ އެހެން ވާނެތާ އެވެ.
މިހާރު ވެސް އެ ރަހުމަތްތެރިން ބައްދަލުވާ އިރު ރޯދަ ވީއްލުމުގެ އެ ހަނދާންތައް އާކޮށް މަޖާކުރެ އެވެ.
މީލާދީ އާ ގަރުނާ އެކު، ބޭރުން ރޯދަ ވީއްލުމުގެ ސަގާފަތް އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިލާމެހުނެވެ. މިއީ ރޯދަމަހު އެކުވެރިންގެ ބައްދަލުވުން، އާއިލީ އެކުވުން އަދި އޮފީހުގެ މަސްހުނިވުމުގެ ސިފައަކަށް ވި އެވެ. ހަޔާތުގެ މި ބަދަލާ މެދު ފުރަތަމަކޮޅު ބައެއް މީހުން ލަދުވެތިވި އެވެ. ރޯދަ ވީއްލަން ހޮޓާ/ކެފޭ/ރެސްޓޯރެންޓަށް ދިއުމަކީ ގޭގައި ނުކައްކާ ކަމުގެ ސިފައެއް ކަމަށް، އެ މީހުންނަށް އިހުސާސްވީ އެވެ.
އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. މިއީ ޒަމާނީ ދިރިއުޅުމުގެ ބަދަލެކެވެ. ކެއުމުގެ ސަގާފަތަށް އައި ތަފާތެކެވެ. އާންމުންގެ ތަނަވަސްކަން ބޮޑުވިކަމުގެ ހެއްކެކެވެ.
މި ސަގާފަތަށް ބަލާ ނަމަ މިހާރު އަމިއްލަ ކުންފުންޏަކުން މުވައްޒަފުންނަށް ރޯދަ ވީއްލުމެއް ނުދޭ ނަމަ އެއީ އެ ކުންފުނީގެ ހިންގުމުގައި ހުރި އުނި ކަމެއް ކަމަށް ނިންމެ އެވެ. މުވައްޒަފުންނާ މެދު ގާތްކަން ނުގެންގުޅުމުގެ މިސާލަކަށް ވެސް ވެ އެވެ.
އާއިލާތައް ވެސް އެހެންނެވެ. އެންމެ ދުވަހަކު ނަމަވެސް މުޅި އާއިލާ އެކުގައި ބޭރުން ރޯދަ ވީއްލުމުގެ އާދަ މިހާރު މިވަނީ ދިިރިއުޅުމާ ގުޅިފަ އެވެ.
މިހާރު ރެސްޓޯރެންޓްތަކުން ރޯދަމަހުގެ ސުފުރާ މަތި ފަޅުފިލުވާލަނީ އެހާމެ ރީތިކޮށެވެ. ރޯދަމަހަށް ހާއްސަކޮށްގެން މެނޫތައް ތައްޔާރުކުރެ އެވެ. އިސްތިހާރުކުރަން ފަށަ އެވެ. މިއީ މިހާރު ކާމިޔާބު ވިޔަފާރިއެއް ވެސް މެ އެވެ.
މާހައުލު ތަފާތުކޮށްލަން ބޭނުން ނަމަ އެ ފުރުސަތު ވެސް މި އޮތީ އެހާމެ ބޮޑަށް ހުޅުވިފަ އެވެ. ކައިރި ރިސޯޓްތަކުގައި ރޯދަ ވީއްލުން ހަދަ އެވެ. ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކުގެ ރެސްޓޯރެންޓްތަކުން ވެސް ރޯ ވީއްލުން ވިއްކަނީ އެވެ. މޫސުން ރީތި ދުވަހެއް ނަމަ، ހަވީރު ގަޑީގައި، ލޯންޗު ދަތުރެއް ކޮށްލާފައި އެއިން ތަނަކަށް ޖައްސާލައި، ރޯދަ ވީއްލައިގެން ރޭގަނޑު އެނބުރި މާލެ އައުމަކީ، ހަގީގަތުގައި ވެސް ތަފާތު ތަޖުރިބާއެކެވެ.
"ކޮބާ ހިނގާ ބަލަ ރޯދަ ވީއްލަން ތަނަކަށް ދާން!" އިއްޔެ އަޅުގަނޑުގެ ރަހުމަތްތެރިޔަކު ދައުވަތު ދިނެވެ.
މިއީ ރޯދަމަހުގެ އެންމެ އާންމު އެއް ޖުމްލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ