ތެލުގެ އަގަށް އަންނަ ބަދަލުން ރައްޔިތުންނަށް އޭގެ އަސަރު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ ތެލުގެ އަގަށް އަންނަ ބަދަލުން ރައްޔިތުންނަށް އޭގެ އަސަރު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެކަމުގެ އަސަރު ދިވެހި ރައްޔިތުންނަށް ވެސް ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ ތެލުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް އަސަރު ކުރާނެ ގޮތަކަށް ކަމަށެވެ.
"ތެލުގެ އަގަކީ ބޮޑުވެ، ކުޑަވަމުންމިދަނީ މި ހަނގުރާމައިގެ ތެރޭގައި. ކޮންމެ ދުވަހަކު ވެސް ތަފާތުތަކެއް އެބަ އާދޭ. އޭގެ ސަބަބުން އަންނާނެ ލޮޅުންތައް އަޅުގަނޑުމެން މި ދަނީ ހަމަ ވަރަށް ރަނގަޅަށް ބަލަމުން. އާންމު ރައްޔިތުންނަށް އޭގެން ވީހާވެސް ކުޑަކޮށް އިމްޕެކްޓް އަންނާނެ ގޮތަކަށް ސަރުކާރުން މިކަން މެނޭޖްކުރުމުގެ މަސައްކަތްތަކެއް ... [ކުރަމުން މި ދަނީ]،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ދުރު ރާސްތާއަށް ވިސްނައި ބައެއް ކަންކަން ކުރަން ރާވަމުންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެލޭގައި ރާއްޖޭގައި ތެލުގެ ނެޝަނަލް ރިޒާވެއް ގާއިމް ކުރުން ހިމެނޭ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.
"ރާއްޖޭގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމް ކުރަމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާ މަސައްކަތްތަކެއް ފެށިފައި މި އޮތީ. އޭގެ ވިސްނުމަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި، ތިން ފޭސްއަކަށް ބަހާލައިގެން ދޮޅު އަހަރު ނުވަތަ ދެ އަހަރު ފޭސްއެއް ހިމެނޭ ގޮތަށް އޮއިލް ރިޒާވެއް ގާއިމް ކުރުން," މުއިއްޒު ވިދާޅުވި އެވެ.
ހަނގުރާމައިގެ ހާލަތުގައި ރާއްޖެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް މުއިއްޒު ގާއިމް ކުރެއްވި ކެބިނެޓު ކޮމިޓީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ ލިބޭނެ ކަމަށާއި ތެލުގެ އަގު ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
"މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އިތުރަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް. ބައެއް އިންޑަސްޓްރީތަކަށް މާ ބޮޑަށް ގެއްލުންވެދާނެތީވެ، އާންމުންނަށް މާ ބޮޑަށް އޭގެ އުނދަގޫ ފޯރަފާނެތީ ބައެއް ކަހަލަ ދިމަދިމާލުން ހުންނާނީ ތެލުގެ އަގު ބޮޑުނުކޮށް،" ޒަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ