ބޭސް އެތެރެކުރަން އަހަރުގެ މެދުތެރޭ ބޭސްކުންފުންޏާ ހަވާލުކުރަނީ

ރާއްޖެއަށް ބޭސް އެތެރެ ކުރުމަށް ސްޓޭޓް ފާމަސޫޓިކަލްސްއަށް މިއަހަރުގެ މެދުތެރޭގައި އެއްކޮށް ހަވާލުކުރެވޭނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެ ކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އެކުންފުނިންވަނީ ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ މަސައްކަތް މިއަހަރު ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ މަސައްކަތް ކުރުމަށް ސްޓޭޓް ފާމަސޫޓިކަލްސްއާ ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިއަަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭސްލިބުން ދަތިވާ މައްސަލައަށް މިހާރުން މިހާރަަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް ރާއްޖެއިން ނުލިބޭ ބޭސްތައް އައިޖީއެމްއެޗުގައި ހުރި ފާމަސީއަށް ގެނައުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސްއިން ކުރަމުންދާނެ ކަމަށެވެ. އަދި ބޭސް ސިޓީ ލިބޭތާ 14 ދުވަހުގެ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
"ބޭނުންވާ މަޢުލޫމާތު ދިނުމާއި، މިހާރު ހުރި ދަތިތައް ރައީސް މި އެޅުއްވި ފިޔަވަޅާއެކު ޙައްލު ވެގެންދާނެ. ހުރިހާ ބްރޭންޑެއްގެ މެޑިސިންއެއް މާކެޓުގައި ނުހުރޭ. ޖެނެރިކް މެޑިސިން ހުރޭ. އެކަމަށް ޙައްލު ހޯދަދިނުމަށްޓަކައި މަސައްކަތް ކުރަމުންދަނީ. މީގެ ފައިދާ ލިބެން ފަށާނެ." މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހެ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވެސް އެ ކުންފުނީގެ ފާމަސީތައް ހުންނާނެ ކަމަށެވެ. އެގޮތުން ބޮޑެތި އާބާދީތަކުގެ ރަށްރަށުގައި ވަރަށް އަވަހަށް ސްޓޭޓް ފާމަސޫޓިކަލްގެ ފާމަސީތައް ހުޅުވާ ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލު ވާނެ ކަމަށެވެ.
ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލު ކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސްއިން ވަނީ، ހޮޓްލައިން ނަންބަރެއްވެސް ތަޢާރަފް ކޮށްފައެވެ. ދައުލަތުގެ ބޭސް ކުންފުނިން ތަޢާރަފް ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ، 1505 އެވެ. މިއީ، 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފް ކޮށްފައިވާ ނަންބަރެކެވެ. މި ނަންބަރު ތައާރަފް ކޮށްފައިވަނީ، ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ