މަސްވެރިންނަށް ހާއްސަ އަގެއްގައި 9 ސަރަހައްދަކުން ތެޔޮ ލިބޭނެ

ދިވެހި މަސްވެރިންނަށް ލުއިފަސޭހަގޮތެއްގައި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން، އެ ހިދުމަތް ލިބޭ ސަރަހައްދުތަކުގެ އަދަދު ނުވަޔަކަށް އިތުރުކޮށްފައިވާކަން ފިޒަރީސް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ހާއްސަ ކޮމިޓީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން މަސްވެރިންނަށް ހާއްސަ ރޭޓެއްގައި ތެޔޮ ދޫކުރަމުން އައީ ހަމައެކަނި ހަތަރު ސަރަޙައްދަކުން ކަމަށްވިޔަސް، މިހާރު އެ ހިދުމަތް އިތުރު ފަސް ސަރަޙައްދަކަށް ފުޅާކޮށް، ޖުމްލަ ނުވަ ސަރަޙައްދަކުން ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަދި ލައިސަންސް އޮންނަ ހުރިހާ މަސްދޯނިފަހަރަށް ފަސޭހައިން ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ބާރަށް ކުރިއަށްދާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިމަހުގެ 14ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މ، ތ، އަދި ލ އަތޮޅުގެ މަސްވެރިންނަށްވެސް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވުމަކީ ހަމައެކަނި މަސްވެރި އާއިލާތަކަށް އޮތް ތަކްލީފެއް ނޫންކަމަށާއި، އޭގެ ސަބަބުން މުޅި އިޤުތިޞާދަށާއި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭނެކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ދޯނިފަހަރަށް މެދުކެނޑުމެއްނެތި ކަނޑަށް ނުކުމެވޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލެމުންދިޔަ ނަމަވެސް، މަސްވެރިންނަށް ހާއްސަ ރޭޓެއްގައި މިހާތަނަށް 1.1މިލިއަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، މަސް ގަންނަ ފަރާތްތަކާއި އެކްސްޕޯޓުކުރާ ކުންފުނިތަކަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވީ ނަމަވެސް، ބޮޑު އަގުގައި ފްލައިޓުތަކުން ޖާގަ ހޯދައިގެންވިޔަސް ރާއްޖެއިން ބޭރަށް މަސް ފޮނުވުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުންފުނިތަކުން ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ