ތެލުގެ ރިޒާވް ބިނާކުރަން މާލެ ސަރަޙައްދުން ދެ ފަޅެއްގެ ސާވޭ ފަށަނީ

ރާއްޖޭގައި ފިއުލް ސްޓޯރޭޖު ތަރައްގީކުރާނެ އެކަށީގެންވާ ސަރަޙައްދުތަކެއް އެސްޓީއޯ އާއި ކަމާގުޅޭ ވުޒާރާތަކުން ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މި މަޝްރޫއު ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކަމަށާއި، މި ފިޔަވަހީގައި މާލެ ކައިރީގެ ދެ ސަރަޙައްދެއްގެ ފީޒިބިލިޓީ ބެލުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މި ސަރަޙައްދުތަކުގެ ސާވޭތައް ނިންމައި، އެކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ތެލުގެ ރިޒާވް ގާއިމުކުރުމާ ގުޅޭގޮތުން ހުރި ސުވާލުތަކާއި ކަންބޮޑުވުންތަކަށް މި ފީޒިބިލިޓީ ސްޓަޑީގެ ތެރެއިން އެކަށީގެންވާ ޖަވާބުތަކެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ މަޝްރަޙަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާބޯތަކެތި އަދި ބޭހުގެ ސަޕްލައި ކަށަވަރުކުރުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަޤީންކަން ސަރުކާރުން ދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ