މިހިތް އެދޭތީ... 08

އަނެއްކާވެސް އެ ޖުމުލައެވެ. މިފަހަރު ވާނީ ކިހިނެއް ހެއްޔެވެ؟ އިޒީ ސުވާލު މާކެއްގެ ތެރެއަށް ދޫކޮށްފައި ރިޝާން ދިޔައީއެވެ. ޖެހި ބުދެއްހެން އިޒީ އެތައް އިރަކު ހުއްޓެވެ. އިއްޔެވެސް މިއަދުވެސް ހިނގި ކަންކަމަކީ އިޒީގެ ހީވުމެއް ނޫނެވެ. ރިޝާންގެ ވާހަކައިން އޭނާއަށް އެކަން ޔަގީންވެއްޖެއެވެ. ******** ކެބިންއަށް އައި އިރުވެސް އިޒީއަށް ހުރެވުނީ ރިޝާން ދެއްކި ވާހަކަތަކާއިމެދު ވިސްނާށެވެ. ރިޝާންގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އިޒީގެ ނުތަނަވަސްވެފައިވާ މޫނަށް ބަލަން ޔައިލް އިނެވެ. ސުވާލުތަކުން ޔައިލްގެ ހިތް ފުރެމުންދިޔައިރު، އެ ސުވާލުތައް އިޒީ އާއި ކުރަން އޭނާ ނުހަނު ބޭނުންވިއެވެ. އަތުގައި އޮތް ފޯނު ރިންގުވާން ފެށި އަޑު އިވުމުން، އިޒީ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އިސްކްރީނަށް ބަލައިލިއެވެ. ގުޅީ ނިޝާނެވެ. އިޒީއަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. ނިޝާން ގުޅީ އިޒީ ހީކުރި ވަރަށްވުރެ އަވަހަށެވެ. ހަމަޖެހިލަން މަސައްކަތް ކުރަމުން، އިޒީ ދޫކޮށްލީ ފުން ނޭވާއެކެވެ. ކެބިންއިން ނުކުންނަން ގޮސްފައި އެނބުރި އައިސް ގޮނޑީގައި އިށީނެވެ. ހީވަނީ ކުރަންވީ ކަމެއް ނޭނގިގެން އުޅުނު ހެންނެވެ. އެމަންޒަރު ބަލަން އިން ޔައިލްއަށް ބޭއިހުތިޔާރުގައި ހިނިތުންވެލެވުނެވެ. އިޒީގެ އެފަދަ ސިފަތަކުން އޭނާގެ މައުސޫމުކަން އިތުރުކުރުވައެވެ. އެހެން މީހުންނަށް ނުފެންނަ އެތައް ސިފައެއް އިޒީގެ ފުށުން ޔައިލްއަށް ފެނެއެވެ. އިޒީ ބަލައިލަން އުޅޭހެން ހީވެ، ޔައިލް އަވަހަށް ކޮންޕިއުޓަރުން އެއްޗެއް ލިޔާކަމަށް ހެދުނެވެ. "ވަރަށް އެހެން ކަހަލަ ކަމެއް ފާހަގަވީ...." ނިޝާން ހުރީ އިޒީ ފޯނު ނެގުން ލަސްވެފައެވެ. "ޓެލް މީ...." ނިޝާން ގުޅީ ކީއްވެކަން އެނގޭތީ އިޒީގެ ހިތް އަވަސްވިއެވެ. އެހެނަސް، އެކަން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ. "އަހަރާ ދުވަސް ބަރާބަރަށް ދިމާވޭ... ތޭރަ އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގަ ސްކޫލް ކުއްޖަކަށް އަނިޔާވިކަމަށް ރެކޯޑުވެސް އެބައޮތް.... އެކަމަކު...." ނިޝާން ވާހަކައެއް ބުނަން އުޅެފައި ހުއްޓައިލީ އެވާހަކަ ދައްކަން އުނދަގޫ ވުމުންނެވެ. ދެމީހުންގެ ދޭތެރޭގައި ވާހަކައެއް ނުދެކެވި ހޭދަވި ވަގުތުކޮޅު އިޒީއަށް ހީވީ އެއްހާސް އަހަރަށް ދިގުދެމިގެން ދިޔަހެންނެވެ. ނިޝާން ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ. އޭނާއަށް ބުނަން ޖެހެނީ ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިދާނެފަދަ ވާހަކައެކެވެ. ފުލުހަކަށްވެހުރެ، އަމިއްލަ އިދާރާގެ އަގު ވެއްޓޭ ކަހަލަ ކަމެއް ކުރަން އޭނާއަށް ފަސޭހައެއް ނުވިއެވެ. އެކަމަކު، އިޒީވެސް އަދާކުރަމުންދަނީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތެވެ. އެ އެންމެންގެ މަގުސަދަކީވެސް އެއް ކަމެކެވެ. ކުށްވެރިން ހޯދައި، ހައްގު އަދަބު ދިނުމެވެ. "އެކަމަކު ކިހިނެއްވީ؟..." ނިޝާން އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން އިޒީގެ ކެތްތެރިކަން ކޮޅުންލިއެވެ. "ކުޑަ އެކްސިޑެންޓެއްގޮތަށް ރިޕޯޓުކޮށްފަ އޮތީ... ލައިކް ނަތިންގް ސީރިއަސް... އެކުއްޖާއަށް ބޮޑު އަނިޔާއެއް ލިބުނުކަމަކަށް ނޫން އޮތީ..." އިޒީ ދިން ތަފްސީލާއި، ތަހުގީގީ ރިޕޯޓުން ފެނުނު މައުލޫމާތާއި ދިމާނުވާތީ ކޮންމެވެސް ކަމެއް ގޯސްކޮށް ގޮސްފައި އޮތްކަން ނިޝާނަށް އެނގުނެވެ. "އޭނ؟..." ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން އިޒީއަށް އަހައިލެވުނީ ތަންކޮޅެއް ބާރަށެވެ. އެކަނި އުޅެއުޅެ އެފަދަ އާދަތައް ހުރީ އިޒީގެ ކިބައިގައި އަށަގަނެފައެވެ. އެކުގައި އެހެން މީހަކު މަސައްކަތް ކުރާކަން އިޒީއަށް ވިސްނެނީ ކަންވެ ނިމޭ ފަހުންނެވެ. އިޒީ އޭނާގެ ލޮލުގެ ހިމަކޮޅުން ޔައިލްއަށް ބަލައިލިއިރު، ޔައިލް އިނީ އޭނާއަށް ބަލާށެވެ. ޔައިލް ހިނިތުންވެލިއެވެ. އިޒީއަށް ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރި ހެންނެވެ. އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ. "ކީކޭ ދެންމެ ބުނީ؟..." ކޮންޕިއުޓަރާއި ނިވާވެލަމުން އިޒީ ސުވާލުކުރިއެވެ. "އެއީ އެކަންޏެއް ނޫނޭ... ފައިލުގަ ހުންނަންޖެހޭ ބައެއް މުހިއްމު ޑޮކިޔުމަންޓްތައްވެސް މަދު..." ނިޝާން ދެން ބުނި ވާހަކައިން އިޒީއަށް މާބޮޑު ހައިރާންކަމެއް ލިބުނެވެ. "މަދޭ ތިބުނީ ކިހިނެއް؟..." އިޒީ އެފަހަރު ސުވާލުކުރީ ޔައިލްއަށް ނީވޭ ވަރަށް، މަޑުންނެވެ. "ބަޔާނުގެ ބައެއް ގަނޑުތައް މަދު.. ރިޕޯޓު ކިޔާލީމަ ފާހަގަކުރެވިއްޖެ ބައެއް މުހިއްމު ޑޮކިޔުމަންޓްތައްވެސް މަދުކަން..." ނިޝާން އިތުރު ތަފްސީލް ދިނެވެ. "މީ އިއްތިފާގެއް ނޫން..." އިޒީ ވިސްނައިލިއެވެ. ނިޝާން ބުނާގޮތުންނަމަ، އެ އެކްސިޑެންޓްގައި ޝައްކު ކުރެވޭ ކަންތައްތަކެއް އެބަ ހުއްޓެވެ. ފުލުހުން މެދުވެރިކޮށް ވަނީ ހެކި ނައްތާލަން މަސައްކަތް ކޮށްފައެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ ހަގީގަތް ހޯދުމަށް، އިޒީގެ ހިތުގައި ކުރިއަށްވުރެ ބޮޑު ޝައުގުވެރިކަމެއް އުފެދުނެވެ. "ދެން ޑްރައިވަރު؟..." އިޒީ ސުވާލުކުރިއެވެ. "އުމުރުން ދުވަސްވީ މީހެއް... ޖޫރިމަނާ ދެއްކީމަ، ކޭސް ކްލޯޒްކޮށްފަ އޮތީ..." ނިޝާނަށް އެކަންވެސް ވީ ޝައްކު ކުރެވޭ ކަހަލަ ކަމަކަށެވެ. "އުމުރުން ދުވަސްވީ މީހެކޭ؟.." އިޒީގެ ދެލޯ ބޮޑުވިއެވެ. "އެކަމަކު އެއީ އަހަންނެކޭ އެއްވަރުގެ ކުއްޖެއް...." "ކިހިނެއް އެނގުނީ؟... އެކްސިޑެންވީ ދަންނަ ކުއްޖެއްތަ؟..." ނިޝާން ހައިރާންވީ، އިޒީ އެހާ ޔަގީންކަމާއި އެކުގައި އެހެން ބުނުމުންނެވެ. "ދެން އެނގުނީ..." އިޒީ މާބޮޑު ތަފުސީލަކަށް ނުދެއެވެ. ދެމީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަން އިޒީއަށް އެނގުނެވެ. އެދުވަހު ކާރުގެ ޑްރައިވަރު ޝީޓުން ފައިބައިގެން އިޒީގެ ކައިރިއަށް އައީ ފުރާވަރުގެ ކުއްޖެކެވެ. މުސްކުޅިއެއް ނޫނެވެ. އެކަން އިޒީއަށް ކަށަވަރެވެ. އެކަމަކު، އިޒީގެ ހަނދާނަށް އައި އެއްވެސް ކަމެއް އެ ދުވަހު ފުލުހުން ކޮށްފައިވާ ތަހުގީގީ ރިޕޯޓުގައި ހާމަކޮށްފައި ނުވަނީ ކީއްވެ ހެއްޔެވެ؟ "ހަލޯ؟..." ނިޝާން ގޮވައިލީ އިޒީގެ ހަބަރެއް ނުވެ ގިނައިރުވުމުން ކޯލު ކެނޑުނީ ކަމަށް ހީކޮށެވެ. "އަހަރެން މިބުނީ އަހަންނަކަށް ނޭނގެއޭ، މިހާ ދުވަސް ފަހުން، އެހާ ކުރީގެ މައުލޫމާތެއް ހޯދަން ތި މަސައްކަތް ކުރަނީ ކީއްވެ ކަމެއް... ރިކްއެސްޓް ކޮށްފިއްޔާ، އިތުރު މައުލޫމާތު ހޯދަން އަހަރެން އަމިއްލަގޮތުންވިޔަސް މަސައްކަތް ކޮށްދީފާނަމޭ... އެކަމަކު، މީ ބަޔަކު ގަސްދުގަ ހެކި ނައްތާލާފަ އޮތް ކޭސްއެއް ވެއްޖެއްޔާ ވަރަށް އުނދަގޫވާނެ ދެން ހެކި ހޯދަން... ކުރީގެ ކޭސްއެއް ވީމަ ގިނަ މީހުންގެ ހަނދާނުގަވެސް ނުހުންނާނެ.... ކިހިނެއް ހަދަންވީ؟..." "ޑޫ އިޓް..." އިޒީ ވަގުތުން ޖަވާބު ދިނެވެ. "އޯކޭ... އަހަރެން ފަހުން ގުޅާނަން... ބީ ކެއަރފުލް..." ނިޝާން ފޯނު ކަނޑައިލިއެވެ. މޭޒުމަތީގައި ފޯނު ބޭއްވިގޮތަށް އިޒީއަށް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. ކަންތައް ގޮސްފައިވަނީ އިޒީ ހީކުރި ވަރަށްވުރެ ގޯސްކޮށެވެ. ފުލުހުންގެ ތަހުގީގު ގޮސްފައި އޮތް ގޮތް އެއީ އެކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ. "މުސްކުޅި މީހެއް؟..." ނިޝާން ދެއްކި ވާހަކަތަކާއިމެދު ވިސްނަން އިން އިޒީ ދެލޯ މަރައިލީ އެދުވަހުގެ ހާދިސާ ހިތަށް ސިފަކުރަމުންނެވެ. ޔައިލް ތެދުވެގެން އައިސް ކައިރީގައި ހުއްޓުނު އިރުވެސް އިޒީއަށް ނޭނގުނެވެ. އިޒީގެ މޫނަށް ބަލަން ހުރި ޔައިލްގެ ސިކުނޑީގައި އެނބުރެމުންދިޔައީ ދެންމެ އިޒީ ފޯނުން ދެއްކި ވާހަކަތަކެވެ. "ތޭރަ އަހަރު ކުރި... ޑްރައިވަރު... އެކްސިޑެންޓް..." ޔައިލް ހިތާއިހިތުން ކިޔައިލީ އިޒީ ދެއްކި ވާހަކައިން އޭނާއަށް އަޑު އިވުނު ލަފުޒުތަކެވެ. އިޒީގެ ދިރިއުޅުމުގައި ސިއްރުތަކެއް ވަޅުލެވިފައިވާކަން ޔައިލްއަށް އެނގުނެވެ. އިޒީ ހުރީ އެ ސިއްރުތަކުގެ މެދުގައި ހައްޔަރު ވެފައެވެ. އިޒީ ސިހުނީ ޔައިލް އޭނާގެ މޭޒުގައި ދެފަހަރަކު ޖަހައިލުމުންނެވެ. އިޒީ ބަލައިލުމުން، ޔައިލް ދެއްކީ ގަޑިއެވެ. ރަސްމީ ގަޑި ނިމިގެން ދެގަޑިއިރު ފާއިތުވީއެވެ. ޔައިލް ނުކުމެގެން ދިޔުމުންވެސް އިޒީ އިނީއެވެ. އެތައް އިރެއް ކޮށްފައި އޭނާ ނުކުތްއިރު، މުޅި ތަން އޮތީ ފަޅުވެފައެވެ. ކޮފީތަށި ގިރައިގެން އިޒީ އެނބުރުނު ވަގުތު އެރުނީ ޔައިލްގެ ކުރިމައްޗަށެވެ. "ގެއަށް ނުދަނީތަ؟..." ޔައިލް އެތެރެއަށް ވަނީ އޭނާ ކޮފީ ހުސްކުރި ތަށި ކަބަޑަށް ލާށެވެ. އިޒީގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާ ފަސްއެނބުރި ބަލައިލުމުގެ ކުރިން ތަށި ލާފައި، ޔައިލް އައިސް އިޒީ އާއި އަރާ ހަމަކުރިއެވެ. "ގެއަށް ނުދަންތަ؟.." ޔައިލް އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ. "އަހަރެން އެކަންޏެއް ނޫނެއްނު ގެއަށް ނުދަނީ...." ޔައިލްއަށް ނިސްބަތްކޮށް އިޒީ ބުނެލިއެވެ. "އަހަރެން މި މަސައްކަތެއް ކުރަނީ..." "އިޒީއަށް އެކަނި ހުރިހާ ކަމެއް ހޭންޑްލްއެއް ނުކުރެވޭނެ..." ޔައިލް ވާހަކަ ދެއްކީ ވިސްނައިދޭ ރާގަކަށެވެ. ޔައިލްގެ މޫނަށް ބަލައިލަން އިޒީއަށް މަޖުބޫރުވީ، އެ ޖުމުލައިން ނަގަންވީ މާނައެއް ނޭނގުމުންނެވެ. ޔައިލް ވާހަކަ ދެއްކި ރާގުން އޭނާ ދެއްކީ އިޒީގެ މާޒީގެ ވާހަކަ ހެންވެސް އޭނާއަށް ހީވިއެވެ. ޔައިލްގެ މޫނުން ފެންނަން ހުރި އޯގާތެރިކަމާއި އެއްވަރަށް ސިއްރުވެރިގޮތެއްވެސް ހުއްޓެވެ. "ދެން އަވަހަށް ދޭ... ވަރަށް ލަސްވެއްޖެ..." އިޒީ ބޭނުންވީ ޔައިލް ފޮނުވައިލާށެވެ. ޔައިލް ނުދެއެވެ. އިރުކޮޅެއް ވަންދެން އިޒީއަށް ބަލަން ހުރުމަށްފަހު ލިފްޓާއި ދިމާއަށް ހިނގައިގަތެވެ. "ހިނގާފަ ގެއަށް ދަންޏާ، ބޮޑުމަގުން ދާތި..." ލިފްޓަށް ވަންނަމުން ޔައިލް ބުނެލިއެވެ. "ކީއްވެ؟..." އިޒީގެ ސުވާލާއިއެކު، ލިފްޓްގެ ދޮރު ލެއްޕުނެވެ. ޔައިލް ދިޔައީއެވެ. ރިޝާން ފަދައިން އިޒީ ސުވާލު މާކެއްގެ ތެރެއަށް ދޫކޮށްފައެވެ. ******* ކާރެއް ލިބޭތޯ ކުރި މަސައްކަތް ނާކާމިޔާބުވުމުން އިޒީ ނިންމީ ހިނގާފައި ގެއަށް ދާށެވެ. ކުއްލިއަކަށް އިޒީގެ ހަނދާނަށް އައީ ޔައިލް ބުނި ވާހަކައެވެ. ބޮޑު މަގުން ނޫނީ ގެއަށް ނުދިޔުމަށް ބުނި ބުނުމެވެ. އިޒީ ގޯޅިއަކަށް އެޅީ އެއްޗެއް ޔަގީންކޮށްލުމުގެ ބޭނުމުގައެވެ. ވަކި ހިސާބަކަށް ދިޔަތަނާ ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުނުހެން އިޒީއަށް ހީވިއެވެ. އޭނާ ފުރަތަމަ ހީކުރީ އެއީ ހީވި ހީވުމެއް ކަމަށެވެ. އެކަމަކު، އިރުކޮޅެއްފަހުން އެއީ ހީވިގޮތެއް ނޫންކަން އެނގުނެވެ. އިޒީ ލަސްލަހުން ފަސްއެނބުރި ބަލައިލިއެވެ. އޭނާގެ ފަހަތުން އައީ ހެނދުނު އޮފީހަށް ދިޔައިރު، ފިހާރައެއްގެ ކައިރީގައި ހުރި މީހާއެވެ. އިޒީގެ ހިތް ތެޅެމުންދިޔައީ މޭފަޅާފައި ނުކުންނާނެހައި ބާރަށެވެ. ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އެމީހާ ހިނގަމުންދިޔައީ ފޯނަށް ބަލަން ހުރެއެވެ. އެހެނަސް، އިޒީގެ ފިޔަވަޅުތަކެކޭ އެއްވަރަށް އޭނާގެ ފިޔަވަޅުތައްވެސް އަވަސްވިކަން އިޒީއަށް އެނގުނެވެ. ބޮޑުމަގަށް ނުކުތްގޮތަށް އިޒީ ހުއްޓުނީ ފިހާރައެއްގެ ކުރިމަތީގައެވެ. ފިހާރައިގެ ބިއްލޫރިގަނޑުން އޭނާގެ ފުރަގަހުން ފެންނަ މަންޒަރު ރީތިކޮށް ފެނެއެވެ. އިޒީގެ ފަހަތުން އައި މީހާ ތަންކޮޅެއް ދުރުގައި ބަލަން ހުއްޓެވެ. އިޒީގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް ފިހާރައިގެ އެތެރެއަށް ވަނެވެ. އިރުކޮޅެއް ކޮށްފައި އޭނާ ނުކުތްއިރު، އެމީހަކު ފެންނާކަށް ނެތެވެ. ގެއަށް އައިގޮތަށް އިޒީ ދޮރު ތަޅުލިއެވެ. ކުޑަދޮރެއް ހުޅުވިފައި ހުރިތޯ ބެލިއެވެ. އޭރު އޭނާގެ އަތް ތުރުތުރު އަޅައެވެ. ދެތިން ފަހަރު ތަޅުލެވިފައި ހުރިކަން ކަށަވަރު ކުރިއިރުވެސް އިޒީގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކުރީ ދުވަހެކޭ އެއްގޮތަށް މިއަދުވެސް އިޒީ ގޮސް ސޯފާގައި ޖައްސައިލިއެވެ. ގިނައިރެއްނުވެ، އިޒީގެ ފޯނު ވައިބްރޭޓްވިއެވެ. މެސެޖު އައިސްފައި އޮތީ ނުދަންނަ ނަންބަރަކުންނެވެ. މެސެޖު ހުޅުވާކަށް އިޒީ ބޭނުމެއް ނުވިއެވެ. އެކަމަކު، ނުބަލައެއްވެސް ނޯވެވުނެވެ. "އޭރުވެސް މަޑުން ހުރިނަމަ..." ފުރަތަމަ މެސެޖަށްފަހު ދެވަނަ މެސެޖެއް އައެވެ. "ދެންފަހަރަކުން ދޭނީ އިންޒާރެއް ނޫން..." ދެވަނަ މެސެޖެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ