''ތިން ވޯޓުގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުންނުވާނަމަ ކަރުދާސްކޮޅު ނުދޭނެ، ނަން އިއުލާންކުރާނެ''

މާދަމާ އެއް ވަގުތެއްގައި ތިން ވޯޓެއް ބާއްވާއިރު، އޭގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުންނޫން ކަމަށް ވޯޓުލާން ދާ މީހަކު ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާސް އެ މީހަކަށް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިރޭ ބުނެފިއެވެ. މާދަމާ ހެނދުނު 8:00އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިޔުޑީސީ) އިންތިޚާބާއީ މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ނަގާ ވޯޓެވެ. އެ ވޯޓުތަކާ ގުޅޭ ގޮތުން އީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ވޯޓުލާން ދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޭނެ ކަމަށެވެ. ނަމަވެސް ވޯޓުލާން ދާ މީހަކު، އެއް ވޯޓުގައި ބައިވެރިވާން ބޭނުން ނޫން ކަމަށް ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އިއުލާން ކުރާނީ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް، ހާމަކޮށްފައި އިއުލާން ކުރާނެ، އެއީ އޮބްޒާވަރުންނާއި ހުރިހާ އެންމެންނަށް ނޯޓު ކުރެވި، ފަހުން ޓެލީ ކުރުމުގައިއާއި އެ ހުރިހާ ކަމަކަށް އިންތިޒާމު ހަމަޖެހިގެންދާނެ،" ޒާހިދު ވިދާޅުވިއެވެ. https://x.com/ElectionsMv/status/2039731094489342109 އޭނާ ވަނީ، އެންމެ ފަހުން 2021 ވަނަ އަހަރު ލޯކަލް ކައުންސިލާއި ޑަބްލިޔުޑީސީ އިންތިޚާބު ބޭއްވިއިރު ވެސް، އެއް އިންތިޚާބުގައި މީހަކު ބައިވެރިވާން ބޭނުންނުވި ނަމަ، ހަމަ އެގޮތަށް އަމަލުކުރި ކަމަށެވެ. އެގޮތުން ވޯޓެއްގައި ބައިވެރިނުވުމަކީ އަމިއްލަ އިޚުތިޔާރުގައި އޮންނަ ކަމެއްކަން ޒާހިދު ފާހަގަކުރެއްވިއެވެ. ވޯޓުގައި ބައިވެރިނުވާ މީހާގެ ނަން އިއުލާންކޮށް، އެކަން ހާދިސާ ރިޕޯޓުގައި ވެސް ލިޔެ، އެ ކަރުދާސްކޮޅެއް ބޭނުންނުކުރާކަން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ތިން ކަރުދާސްކޮޅު ލާން ޖެހޭނީ ތިން ފޮށްޓަށްކަން ވެސް ޒާހިދު ފާހަގަކުރެއްވިއެވެ. އަދި،ނުބައި ފޮށްޓަކަށް ކަރުދާހެއް ލެވިއްޖެ ނަމަވެސް، އެ ކަރުދާސްކޮޅު ނަތީޖާގައި ހިމަނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޒާހިދު ވިދާޅުވީ ތިން އިންތިޚާބުގެ ނަތީޖާ ވަކިން ގުނާނެ ކަމަށާއި އެގޮތުން ފުރަތަމަ ގުނާނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުތައް ކަމަށް އޭނާ ވިދާޅުވިއެެވެ. އެއަށްފަހު ޑަބްލިޔުޑީސީ ވޯޓުތައް ގުނައި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަންނާނީ އެންމެ ފަހަށް ކަމަށް އޭނާ ވިދާޅުވިއެވެ. މާދަން އޮންނަ ވޯޓުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 294،876އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ