ފައްޔަ މި ފަހަރުވެސް އިސްކުރެއްވީ އެއްބައިވަންތަކަން، ބަދަހިކަމަށްޓަކައި ނަޝީދަށް ފުރުސަތު ދެއްވާ

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވި ނަމަވެސް ރައީސް މުހައްމަދު ނަޝީދަށް އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެން އެމްޑީޕީގެ އެއްބައިވަންތަކާއި ބަދަހިކަމުގެ ދިފާއުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މި ފަހަރުވެސް ތެދުވެވަޑައިގެންފި އެވެ.
މިރޭ އޮންނަ ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނުދޭން ނިންމުމުން އެމަނިކުފާނުގެ ވަފާތެރި ސަޕޯޓަރުން ވަނީ ޖަލްސާއަށް ނުދާން ނިންމާފަ އެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަން ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒް ހިމެނިވަޑައިގަންނަވަ އެވެ.
އެކަން އެންގީވެސް މިހާރުގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ގުޅުއްވަ އެވެ.
"އިއްޔެ ޗެއާ [އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ] ގުޅުއްވާފައި މިރޭ ޖަލްސާގަ ވާހަކަ ދައްކަން އެދުމުން ސްޕީޗް ތައްޔާރުކޮއްލާ ބޯކޮށާލާ ތައްޔާރުވިތަނާ ބޭރުމަތިން ހަބަރު ލިބިއްޖެ އަޅުގަޑާ ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމިކަން. ޗެއާ އަރިހު އިއްޔެ ވެސް ދެންނެވިން އަޅުގަޑަށް ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެ ނޫންހޭ. ވިދާޅުވު ތި މަންނާގެ ނިންމުމޭ. އައި ވިލް ޑިސައިޑް," ކަންކަން ވެގެން ދިޔަގޮތް ސާފުކޮށް ދެއްވާ ފައްޔާޒް އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ގުރޫޕަކަށް ފޮނުއްވެވި މެސެޖުގައި ވިދާޅުވި އެެވެ.
ފައްޔާޒު ވަނީ އޭނާއަށް ފުުރުސަތު ނުދޭން ނިންމި ނަަމަވެސް އެކަމާއި ޝަކުވާއެއް ނެތްކަން ހާމަކުރައްވާފަ އެވެ. ނަމަވެސް އެދިވަޑައިގަތީ ޕާޓީގެ ބަދަހިކަމަށްޓަކައި ރައީސް ނަޝީދަށް ފުރުސަތު ދެއްވުމަށެވެ.
"ކޮންމެޔަކަސް ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށް އަޅުގަޑަށް ފުރުސަތު ނުދެއްވި ނަމަވެސް ރައީސް ނަޝީދަށް ދިނުން ކުރިމަގަށް މުހިންމު ކަމަށް ފެނޭ. ކާމިޔާބު ޖަލްސާއަކަށް އެދެން," އެއްބައިވަންތަކަން އިސްކުރައްވާ ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ އެންމެ ނުފޫޒުގަދަ މަގާމުގައި ހުންނެވުމަށް ފަހު ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ އެއްބައިވަންތަކަމާއި ބަދަހިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ފަހު އެވެ.
އަދި މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް ޕާޓީގެ ބަދަހިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެމްޑީޕީ ދެބައި ދަ ޑިމޮކްރެޓްސް އުފެދުނު ނަމަވެސް އަލުން އެމްޑީޕީ އެއްކުރުމަށް އުންމީދު ގެއްލުވާނުލައްވާ މަސައްކަތް ކުރެއްވި ބޭފުޅަކީ ފައްޔާޒެވެ.
އެކަން ކުރީގެ ދެ ރައީސުންނާއި އެމްޑީޕީގެ އާންމު މެންބަރުން ފާހަގަ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ