އެފްއޭ ކަޕުގެ ފައިނަލުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން ޖެހުން އެއީ ވަކިން ފާހަގަކުރަންޖެހޭ ވަރުގެ ބޮޑު ޗެލެންޖެއް ނޫންކަމަށް، ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް ބުނެފިއެވެ.
މުބާރާތުގެ ފައިނަލުގައި މާދަމާ ޓީސީއާއި ނިއު ބައްދަލުކުރާ މެޗު އޮންނާނީ ރޭގަނޑު 21:00 ގައެވެ.
އެފްއޭ ކަޕުގެ ފައިނަލަށް ނިއުއިން ދަތުރުކުރީ ވަރުގަދަ ފޯމެއްގައި، ލަނޑުޖެހުމުގެ ރަނގަޅު ސިލްސިލާއަކާ އެކުއެވެ. އެގޮތުން ކުޅުނު ދެ މެޗުން ނިއުއިން ވަނީ 11 ލަނޑު ޖަހާފައެވެ. ނިއުކޮޅަށް މި މުބާރާތުގެ މިހާތަނަށް ލަނޑެއް ވަދެފައެއް ނުވެއެވެ.
ފައިނަލާ ހަމައަށް ނިއުއިން ކުރި ދަތުރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ސީޒަނުގައި ހާސިލްނުކުރެވި އޮތް ކަމެއް ހާސިލްކުރުމެވެ. އެއީ އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް މޮޅެއް ހޯދުމެވެ. ދިވެހި ލީގުގައި ނިއުއާއި އޮޑި ބައްދަލުކުރި ފުރަތަމަ މެޗުގައި ނިއު ބަލިވިއިރު ދެވަނަ ބުރުގައި ކުޅުނު މެޗުވީ އެއްވަރެވެ. އަދި އެފަހުން ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުންވީ އެއްވަރެވެ.
ކުއާޓަރ ފައިނަލުގައި އޮޑިއާ ދެކޮޅަށް ނުކުމެ ނިއު މެޗު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ. އެފަހުން ސެމީގައި ބްލޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ ނިއުއިން ވަނީ ހަތްލަނޑު ޖަހާފައެވެ. އެހެންކަމުން ފައިނަލާ ހަމައަށް ދާއިރު ނިއު އޮތީ ވަރަށް ވަރުގަދަކޮށްކަން ހާމަވެއެވެ.
ކަން މިހެން އޮތްނަމަވެސް ނިއުގެ ފޯމަކީ ފައިނަލް މެޗުގައި އޮތް ޗެލެންޖެއް ކަމަކަށް ޓީސީގެ ކޯޗު އާތިފް ނުދެކެއެވެ.
"ޓީސީވެސް ތަފާތު ފޯމެއްގައެއްނު މިއޮތީ ހަމަ. ނިއުރޭޑިއަންޓް އެކަންޏެއް ނޫންދޯ. ޓީސީވެސް މިއޮތީ ރަނގަޅު ފޯމެއްގައި ހަމަ". ކޯޗު އާތިފް ބުންޏެވެ.
ނިއުއިން މުބާރާތުގައި ކާމިޔާބުކޮށްފައިވާ ލަނޑުތަކަކީ ވެސް ޓީސީން ފަހަތަށް ޖެހި ޖެހިލުންވާ ކަމެއް ނޫންކަމަށް އާތިފް ބުންޏެވެ.
"ދެން މީގަ އަހަރުން ކޮމްޕެއާ (އަޅާކިޔަން) ޖެހެނީ ލީގުގައި އަހަރުމެން ކުޅުނު މެޗުތަކާ ކަންނޭނގެ ދޯ. އެހެން ޓީމުތައް ކޮޅަށް ޖަހާފަ ހުރި ލަނޑުތަކަކީ އަހަރުމެން ކޮންމެހެން ކައުންޓުކުރަން ޖެހޭ އެއްޗެއް ނޫންކަންނޭނގެ". ކޯޗު އާތިފް ބުންޏެވެ.
ނިއުއިން އެހެން ޓީމުތަކާ ދެކޮޅަށް ޖަހާފައިވާ ލަނޑުތަކުގެ އަދަދާމެދު ވިސްނަން ނުޖެހޭކަމަށް އާތިފް ބުނިއިރު، ލީގުގެ ފުރަތަމަ ބުރުގައި ނިއުއިން ޓީސީއާ ދެކޮޅަށް ކުޅެ ވަނީ 0-6 އިން މެޗުން މޮޅުވެފައެވެ. އެހެންނަމަވެސް އާތިފްގެ އިރުޝާދުގެ ދަށުން، ލީގުގެ ދެވަނަ ބުރުގައި ކުޅެ ނިއު އަތުން ޓީސީ ބަލިވީ 0-2 އިންނެވެ.
ނިއު އެކަންޏެއް ނޫން، ޓީސީވެސް އޮތީ ފޯމުގައި: އާތިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ