ވެޓަރަންސް ފައިނަލުގައި ހުޅުމާލޭ ވެޓަރަންސްއާއި ވިލިމާލެ ޔުނައިޓެޑް
އެފްއޭއެމް ވެޓަރަންސް ކަޕްގެ ފައިނަލަށް ހުޅުމާލެ ވެޓަަރަންސް ކުލަބާއި ވިލިމާލެ ޔުނައިޓެޑު ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލަށް ހުޅުމާލޭ ވެޓަރަންސް ދަތުރުކޮށްފައިވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ހުޅުމާލެ ވެޓަރަންސްގެ ދެ ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސެއިން ވިޝާލްގެ އިތުރު ޒިޔާދެވެ. ނިއުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އިސްމާއިލް އަނިލްއެވެ. ފައިނަލުގައި ހުޅުމާލޭ ވެޓަރަންސް ބައްދަލުކުރާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކުރި ވިލިމާލޭ ޔުނައިޓެޑާއެވެ. މުބާރާތުގެ ފައިނަލަށް ވިލިމާލޭ ޔުނައިޓެޑު ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބު 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މިއަހަރުގެ ވެޓަރަންސް ފުޓުބޯޅަ މުބާރާތް ރާވާ، އިންތިޒާމުކުރަމުންދަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވެ. އެންމެފަހުން އެފްއޭއެމުން ވެޓަރަންސް މުބާރާތް ބޭއްވީ މީގެ 15 ވަރަކަށް އަހަރުކުރިންނެވެ. މި މުއްދަތުގެ ތެރޭގައި ވެޓަރަންސް މުބާރާތް ބޭއްވީ އަމިއްލަ ކުލަބުތަކުންނެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 16 ވަނަ ދުވަހުގެ ހަވީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ