ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކޮށް، މެންބަރުން އިތުރުވުން ހުއްޓުވަން ގާނޫނު އަސާސީ އިސްލާހްކުރަނީ

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމަށް ގާނޫނު އަސާސީއަށް ހުށަހަޅާ އިސްލާހް ލަސްތަކެއް ނުވެ ހުށަހެޅޭނެ ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. 
މިކަން ހާމަކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމަށާ، އެކަންކަން އިޞްލާޙުކުރަންޖެހޭކަމަށެވެ. އަދި އެއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް ކަމަށެވެ.
އެހެންކަމުން އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއީ؛
‏1. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.
‏2. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
‏3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.
‏މިއާއެކު އުޝާމް ވިދާޅުވީ، މި އިޞްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ. 
‏ލޯކަލް ކައުންސިލް އިންތިޚާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، މި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް. މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ.
‏އުޝާމް ވިދާޅުވީ، ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިޞްލާޙުތަކުގެ ތެރެއިން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ގެންނަ އިޞްލާޙަކީ، އެއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ޤާނޫނުއަސާސީއިން ލާޒިމްކުރާ އިޞްލާޙެއް ކަމަށެވެ.
އަދި ޤާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިޞްލާޙުތަކަކީ އެއަށް ޢަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީ ލާޒިމްކުރާ އިޞްލާޙުތަކެއް ނޫން ކަމަށެވެ.
‏”ޤާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ. މިހާރު ހިނގަމުންދަނީ މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް.“ އުޝާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ