ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ، ތިން މީހަކާ ސުވާލުކޮށްފި
ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ސޯޝަލް މީޑިއާގައި ދާދި ފަހުން ވަނީ، ބުޅަލެއްގެ ކަރުގައި ވާގަނޑެއް އައްސައި، ދަމައިފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައެވެ. އެ ވީޑިއޯއަށް ގިނަ ބަޔަކު ފާޑުކިޔައި، ނުރުހުން ފާޅުކޮށްފައިވެއެވެ. ފުލުހުން މިއަދު ބުނީ، ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 19:06 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގައިފައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ބުޅަލަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް މީގެ ކުރިން ވެސް އާންމުވެ، އެ މައްސަލަތައް ފުލުހުން ތަހުގީގުކޮށްފައިވެއެވެ. ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 625 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން، އެ ކުށަށް އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ