އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ނޭޓޯގެ ބައިވެރިން އެހީތެރިކަން ނުދޭތީ، އެ އިއްތިހާދުން އެމެރިކާ ވަކިވުމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އުދުވާނެއް ކަމަށް ގިނަ ގާނޫނީ މާހިރުން ބުނެއެވެ. މި ހަނގުރާމައިގައި ބައިވެރިނުވާތީ އަދަބެއްގެ ގޮތުން، ސްޕެއިން އަދި ޖަރުމަނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމަށް ނުވަތަ ސިފައިން އެހެން ގައުމުތަކަށް ބަދަލުކުރުމަށް ޓްރަމްޕް ސަރުކާރުން މިހާރު ދަނީ ވިސްނަމުންނެވެ.
2025 ވަނަ އަހަރު ޓްރަމްޕް އަލުން ވެރިކަމަށް އައުމަށްފަހު ނޭޓޯގެ ގައުމުތަކަށް ދެމުންދާ ޕްރެޝަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްޞަކޮށް، ނޭޓޯގެ ގައުމުތަކުގެ ދިފާއީ ބަޖެޓު ޖީޑީޕީގެ 5 އިންސައްތައަށް ބޮޑުކުރަން ޓްރަމްޕް ކުރި މަޖުބޫރުކުރުމާއި، ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެންނަން އުޅުމުގެ ސަބަބުން ވިލާތުގެ ގައުމުތަކާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
މި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެގެންދިޔައީ، މިއަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިވުމަށް ނޭޓޯގެ ގައުމުތަކުން އިންކާރުކުރުމާ ގުޅިގެންނެވެ. ބައިނަލްއަގުވާމީ ގިނަ ގާނޫނީ މާހިރުން މި ހަނގުރާމައަކީ ގާނޫނާ ޚިލާފު އުދުވާނެއްގެ ގޮތުގައި ސިފަކުރާއިރު، ޓްރަމްޕް ގަބޫލުކުރާ ގޮތުގައި މިއީ ނޭޓޯގެ ގައުމުތަކުން އެމެރިކާއަށް ވި "ޚިޔާނާތެކެވެ". މީގެ ކުރިންވެސް އެކި ފަހަރުމަތިން ނޭޓޯއިން ވަކިވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފައިވާއިރު، މިފަހަރުގެ ހިތްހަމަނުޖެހުންތަކަކީ އެ އިއްތިހާދުގެ ކުރިމަގަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ހަނގުރާމައަށްފަހު ނޭޓޯއިން އެމެރިކާ ވަކިވުމުގެ އިޝާރާތެއް ޓްރަމްޕް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ