އެކި ކުޅިވަރުތަކަށް ޚާއްސަ ދަނޑުތައް ހިމެނޭ ގޮތަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުޅިވަރު އެކުވެނި ހުޅުވައިފި

އެކި ކުޅިވަރުތަކަށް ޚާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފިއެވެ. އެ ދަނޑުތައް ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ތަން ހުޅުއްވައިދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ. އެ ރަސްމިއްޔާތުގައި، ހުޅުމާލޭގައި ހިންގާ އެކި ސްޕޯޓްސް އެކަޑަމީތަކުން ވެސް ވަނީ ބައިވެރިވެފައެވެ. އެޗްޑީސީއިން ހުޅުމާލޭ ފޭސް ދޭއްގައި ގާއިމްކުރި ކުޅިވަރު އެކުވެނި ހުޅުވުން -- ފޮޓޯ: އެޗްޑީސީ އެޗްޑީސީން ބުނީ، އެ އެކުވެނި ހުޅުވުމުން، ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓު ނުވަތަ ދަނޑު ހޯދުމުގައި މިހާރު އޮތް ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން އެ އެކުވެނީގައި، ބަށި ކޯޓަކާއި ވޮލީ ކޯޓަކާއި ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެޗްޑީސީން ބުނީ މިއީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށާއި ރަނގަޅު ސިއްހަތެއްގައި ތިބުމަށް ވެސް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. ހުޅުމާލެއަކީ ހިތްފަސޭހަ އަދި، އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ