ސަރަޙައްދީ ފެންވަރުގައި ހަމަލާތައް ކުރިއަށްދިޔަ ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް މަސްތަކަކަށް ވުރެ ބޮޑަށް، މަދު ހަފުތާތަކެއްގެ ތެރޭގައި ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިއްޔެ ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަނުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ނުވަތަ އެއަށް ވުރެ އަވަހަށް ކަންކަން ކުރިއަށްދާ ކަމަށާއި، އެއްގަމު ސިފައިން ބޭނުންނުކޮށް ވެސް އެމެރިކާގެ މަގުސަދުތައް ހާސިލުކުރެވޭނެ ކަމަށް ރޫބިއޯ ވިދާޅުވި އެވެ. ނަމަވެސް، އެކި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ސިފައިން ބައެއް ސަރަހައްދުތަކުގައި ރުކުރުވާލަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މަޝްރަހު އިތުރަށް ގޯސްވަމުންދާއިރު، ސައޫދީ އަރަބިއްޔާގައި ހުންނަ އެއާބޭހަކަށް އީރާނުން ދިން ހަމަލާއެއްގައި އެމެރިކާގެ 12 ސިފައިންނަށް ވަނީ އަނިޔާވެފަ އެވެ.
އެއާ އެކު، އީރާނުގެ ނިއުކްލިއާ އަދި ސިނާއީ މަރުކަޒުތަކަށް އާ ހަމަލާތަކެއް ދީފައިވާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ ލިބިފަ އެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިންޒާރު ދެއްވި ގޮތުގައި، ދެމުންދާ ހަމަލާތަކުގެ ބަދަލުގައި ތެހެރާނުން "ބޮޑު އަގެއް" އަތުލާނެ އެވެ.
މިހާރު ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 112 ޑޮލަރަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އިންފްލޭޝަން މަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ހާރިޖީ ގޮތުން މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެމެރިކާއިން އުންމީދު ކުރި ނަމަވެސް، މަޝްވަރާތަކަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި ހަމަލާ ދިނުމަކީ ކެތްނުކުރެވޭނެ ކަމެއް ކަމަށް އީރާނުން ބުނެ އެވެ. މީގެ ސަބަބުން މައްސަލަ ހައްލުވުމުގައި ވަނީ ނުތަނަވަސްކަމާއި މާޔޫސްކަން އުފެދިފަ އެވެ.
އީރާނު ހަނގުރާމަ އަވަހަށް ނިމޭނެ؛ އެއްގަމު ސިފައިން ބޭނުންކުރާކަށް ނުޖެހޭނެ: އެމެރިކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ