އއ.ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފަށައިފި

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނުން އއ.ތޮއްޑޫ އަށް ސީޕްލޭންގެ ދަތުރުތައް މިއަދު ފަށައިފިއެވެ.
ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފެށުމުގެ ގޮތުން އެރަށުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ސަގާފީ ގޮތަކަށް ކުރިއަށްގެންދިއަ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރ އަލީ ސަލީމްގެ އިތުރުން ދަތުރުފަތުރާ ބެހޭ ވުޒާރާ އަދި ތޮއްޑޫ ކައުންސިލާއި އެރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަިއވެރިވެފައެވެ.
ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފެށުމާ ގުޅިގެން އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ މިއަދު ފެށިގެން މި ދިޔައީ ވަރަށް މުހިއްމު ހިދުމަތެއް ކަމަށާއި، ތޮއްޑޫ ކަހަލަ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށަށް ކަނޑުމަގުން ފަތުރުވެރިން ދަތުރުކޮށް ހެދުމަކީ އޮތް ތަކްލީފެއް ކަމަށެވެ. ސީޕްލޭންގެ ދަތުރުތަކާއެކު އެ ކަމަށް ލުޔެއް ލިބިގެންދާނޭކަން ސަލީމް ފާހަގަކުރެއްވިއެވެ.
ތޮއްޑޫއަށް މިއަދު ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށިގެން ގޮސްފައިވާއިރު، ހަފްތާއަކު ދެ ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ބްރާސްފަތި އަދި ހޮނިހިރުދުވަހެވެ. ދަތުރުތަކުގެ ފެއާގެ އަގެއްގެ ގޮތުގައި އަދި ހަމަޖައްސާފައިވަނީ، ކޮޅަކަށް 799 ރުފިޔާއެވެ.
އައިލެންޑް އޭވިއޭޝަނުން އެންމެފަހުން ސީޕްލޭންގެ ދަތުރުތައް ފެށީ ނ.ވެލިދޫއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ