2018 ވަނަ އަހަރަކީ ފަޚުރުވެރިވާފަދަ ކާމިޔާބު އަހަރެއް: ޓިމް

2018 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް ފަޚުރުވެރިވާ ފަދަ ކާމިޔާބު އަހަރެއް ކަމަށް އެބޭންކުގެ ސީއީއޯ ޓިމް ސޯޔަ ވިދާޅުވެއްޖެ އެވެ.
ޓިމް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ހޮޓެލްޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޓިމް ވިދާޅުވީ ބޭންކުގައި ވަރަށް ބުރަކޮށް އަދި ހީވާގި ކަމާއެކު މަސައްކަތްކުރާ މުވައްޒަފުންނާއެކު ހޯދާފައިވާ ކާމިޔާބު ދަމަހައްޓައި ބޭންކަށް އިތުރު ކާމިޔާބު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ކުރިއަރާފައިވާ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކޮށް، އިންވެސްޓްމަންޓް ޕްރޮގްރާމްގެ ޒަރިއްޔާއިން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްކުރާނަން،" ޓިމް ވިދާޅުވި އެވެ.
ޓިމް އިތުރަށް ވިދާޅުވީ "އަހަރެންގެ ބޭންކް"ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް އިންވެސްޓްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތައުލީމުގެ އިތުރުން ކުޅިވަރު ހަރަކާތްތަކާއި، ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 110 ޕްރޮޖެކްޓެއް ވަނީ މިދިޔަ އަހަރުތެރޭ ހިންގާފަ އެވެ. އެބޭންކުގެ ކުރިއަރާފައިވާ މާލީ ނަތީޖާއަށް ބަލައި، މި އިންވެސްޓްމަންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ޓެކްސް އަށް ކެނޑުމުގެ ކުރިން ބީއެމްއެލްއަށް ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ.
އަހަރު ނިމުނުއިރު އެބޭންކުން ދޫކުރާ އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ 3.5 އިންސައްތަ އަށް ދަށްކުރެވިފަ އެވެ. ބީއެމްއެލްގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބޭންކިންގެ ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އާންމުކޮށް ބޭނުން ކުރާ ޚިދުމަތްތަކަށް އޮންލައިން އެޕްލިކޭޝަން މިދިޔަ މަހު ވަނީ ތައާރަފް ކޮށްފަ އެވެ. މިކަމުގެ ސަބަބުން ބޭންކުގެ މަސައްކަތްތަކަށްވެސް ވަނީ އިތުރު ހަލުވިކަމެއް ލިބިފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމުގެ ޚިދުމަތް ތައާރަފް ކުރެވި މުޅި ރާއްޖެ ހިމެނެ ގޮތަށް ޚިދުމަތްދެމުންދާ ސެލްފް ސާވިސް ބޭންކިން ވިއުގައަށް ވަނީ 24 ގަޑިއިރު ޚިދުމަތް ލިބޭ އޭޓީއެމް ސެންޓަރުތައްވެސް 2018 ވަނަ އަހަރު އިތުރުކޮށްފައިވާ ކަމަށް އެބޭންކުން ބުނެ އެވެ.
ބީއެމްއެލްއިން މިދިޔަ އަހަރު އޮންލައިން ޗެނަލްސްތައް މެދުވެރިކޮށް 40 މިލިއަން ޓްރާންސެކްޝަން ހަދާފައިވާއިރު، ބޭންކުގެ ކޮންމެ 10 ޓްރާންސެކްޝަނުން 9 ޓްރާންސެކްޝަން އަކީ އޮންލައިން ޗެނަލްތައް މެދުވެރިކޮށް ހެދިފައިވާ ޓްރާންސެކްޝަންތަކެއް ކަމަށްވެސް ބީއެމްއެލް ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ