ކޮރަޕްޝަންގެ މައްސަލަތަކުގައި ސޫދާންގެ ކުރީގެ ރައީސް އުމަރު އަލްބަޝީރާ ސުވާލުކޮށްފި

ވެރިކަމުން ދުރުކޮށްފައިވާ ސޫދާންގެ ރައީސް އުމަރު އަލްބަޝީރުގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، ޕްރޮސެކިއުޓަރގެ އޮފީހަށް ހާޟިރުކޮށް މިއަދު ސުވާލު ކޮށްފިއެވެ.
އޭޕްރީލް 11 ގައި ވެރިކަމުން ދުރުކުރިފަހުން އުމަރު އަލްބަޝީރު ބަންދުކޮށްފައި ހުންނަނީ ވެރިރަށް ޚަރްތޫމްގައި ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅު އަޅާފައި ހުންނަ ކޯބަރު ޖަލުގައެވެ.
އެޖަލުން އުމަރު އަލްބަޝީރު ޕްރޮސެކިއުޓަރުގެ އޮފީހަށް މިއަދު ގެންދެވުނީ ސިފައިންގެ ވެހިކަލްތަކުގައެވެ.
މިއީ، ވެރިކަމުން ދުރުކުރި ފަހުން އުމަރު އަލްބަޝީރު އާންމުންނަށް ފެނުނު ފުރަތަމަ ފަހަރެވެ. އޭނާ ހުންނެވީ އާންމުކޮށް ތުރުކުރައްވާ ޒާތުގެ ހުދު ޖުއްބާ ހެދުންކޮޅެއްގައި، ހުދުކުލައިގެ ފޮށާއެއް އަޅުއްވައިގެންނެވެ.
އުމަރު އަލްބަޝީރުގެ ވެރިކަމާ ދެކޮޅަށް އެގައުމުގެ އާންމުން މަގުތަކަށް ނުކުމެ ކުރަމުންދިޔަ މުޒާހަރާ ދިގުލައި، އޭނާ ވެރިކަމުން ދުރުކުރީ ސިފައިން ނުކުމެއެވެ.
އުމަރު އަލްބަޝީރު ވެރިކަމުން ދުރުކުރުމަށްފަހު ސޫދާންގައި މިހާރު ވެރިކަން ކުރަމުންދަނީ ސިފައިންނެވެ.
އުމަރު އަލްބަޝީރާ ސުވާލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސޫދާންގެ ޕްރޮސެކިއުޓަރ އަލާއިއްދީން ދަފަﷲ ވިދާޅުވީ، ކުރީގެ ރައީސް މިއަދު ހާޝިރުކޮށް ސުވާލުކޮށްފައިވާ ކަމަށާއި، އަދި ބޭރުފައިސާ ގެންގުޅުއްވުމާއި، ކޮރަޕްޝަނާއި، ޣައިރުގާނޫނީ ގޮތެއްގައި ހަދިޔާ ގަބޫލުފުޅު ކުރެއްވިކަމުގެ މައްސަލަތަކުގައި ދައުވާ ކުރެވޭނޭ ކަމަށް އުމަރު އަލްބަޝީރަށް މިއަދު ދެންނެފައިވާ ކަމަށެވެ.
ސޫދާނުގެ ރައްޔިތުން ނުކުމެ ބަޝީރުގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކޮށް އަދި ސިފައިން ބަޝީރު ވެރިކަމުން ދުރުކޮށް ވެރިކަމުގެ މައްޗަށް އަތްގަދަ ކުރުމުގެ ސަބަބުން ސޫދާންގައި ބޮޑެތި ލޭއޮހޮރުވުންތައް ހިނގައި މުޅި ގައުމުވަނީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ.
އަސްކަރީ ވެރިކަމާ ދެކޮޅަށް ބިންމަތީގައި އިށީނދެ ތިބެ އާންމުން ކުރަމުންދިޔަ އިހްތިޖާޖު ރުޅާލުލަށް މިމަހުގެ ކުރީކޮޅު ސިފައިން ހަމަލާ ދިނުމުގެ ސަބަބުން އެތައްބަޔަކު މަރުވެ، އެތައްހާސް އާންމުން ޒަޚަމްވެފައި ވެއެވެ.
މިމައްސަލާގައި އެފްރިކަން ޔޫނިއަނުން ސޫދާން ސަސްޕެންޑް ކޮށްފައި ވާއިރު، އަސްކަރީ ވެރިކަމާ ދެކޮޅަށް ދުނިޔެއިން ދަނީ ފިޔަވަޅު އަޅަމުންނެވެ.
ވެރިކަންކުރާ އަސްކަރީ ކައުންސިލްގެ ނާއިބް، ޖެނެރަލް މުހަންމަދު ހަމްދާން ދަގަލޯ މިއަދު ވަނީ، އާންމުންގެ ގަޔަށް ބަޑިޖެހި ސިފައިންނަށް މަރުގެ އަދަބު ދެއްވާނޭ ކަމަށް ވައުދުވެވަޑައި ގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ