އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ވިލިމާލޭގައި މާދަމާ ހަވީރު ޚާއްސަ ހަރަކާތެއް ބާއްވަނީ

އުމުރުން ދުވަސްވީ މީހުން ނުވަތަ އިސް ރަށްވެހިންނަށް އަމާޒުކޮށްގެން ބާއްވާ ޚާއްސަ ހަރަކާތެއް މާދަމާ ވިލިމާލޭގައި އޮންނާނެއެވެ.
މިއީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ޕެލޯޝިޕާއި، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމްއިއްޔާ، ޑީ.އައި.ޖޭ ގުޅިގެން ބާއްވާ ހަރަކާތެކެވެ.
މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށެވެ.
މިހަރަކާތުގައި މާލެއިން ބައިވެރިވާ އިސް ރަށްވެހީން ވިލިމާލެއަށް ދިއުމަށްޓަކައި މާލޭގައި ހުންނަ ފެރީ ޓާމިނަލުން ފުރުމަށް ހަމަޖެހިފައިވަނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ.
މި ހަރަކާތް އިންތިޒާމު ކުރުމުގައި ބައިވެރިވާ އެއް ފަރާތްކަމުގައިވާ މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕުން ބުނީ، މާދަމާގެ ހަރަކާތުގައި މާލެއިން 75 ފަރާތެއް ބައިވެރިވާ ކަމަށެވެ. އަދި ވިލިމާލެއިން 20 ފަރާތެއް ބައިވެރިވާ ކަމަށެވެ.
މާލެއިންދާ އިސް ރަށްވެހިން ދިއުމަށްފަހު އެންމެ ފުރަތަމަ އޮންނާނީ ވިލިމާލޭގައި ހުންނަ އިޖުތިމާއީ މަރުކަޒުގައި ހުރިހާ ބައިވެރިންނާއެކު ބާއްވާ ބައްދަލުވުމެކެވެ.
އޭގެފަހުން، ތަފާތު ހަރަކާތްތައް ބާއްވަން ރާވާފައި ވާއިރު، ޖިސްމާނީ ދުޅަހެޔޮކަމާބެހޭ މައުލޫމާތު ބައިވެރިންނަށް ދިނުމާއި، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ޑޮކްޓަރެއްގެ އިރުޝާދު ދިނުމާއި، އީދު ހަދިޔާ ބަދަލު ކުރުމުގެ އިތުރުން، ކުޅިވަރުގެ ބައެއް ހަރަކާތްތައްވެސް އޮންނާނޭ ކަމަށް، މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ޕެލޯޝިޕުން މައުލޫމާތު ދެއެވެ.
މިއީ، އުމުރުން ދުވަސްވީ މީހުން ގޭގައި އަބަދު ތިބުމުގެ ބަދަލުގައި ހެލިވެލިވެ އުޅުމަށް ހިތްވަރުދިނުމާއި، އެފަދަ ފަރާތްތަކަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަގްސާދުގައި ކޮންމެ މަހަކު ބާއްވަމުން ގެންދާ ޕްރޮގްރާމްގެ ބައެއްކަމަށް އެމްއެސްޖީއެފުން ބުނެއެވެ.
އެގޮތުން، ފާއިތުވެދިޔަ ދެއަހަރު ތެރޭގައި، މާލެއާއި، ހުޅުމާލެއާއި ހިންމަފުށީވެސް އުމުރުން ދުވަސްވީ މީހުންނަށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވިފައިވާ ކަމަށް، މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ޕެލޯޝިޕުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ