ވީބީ ޝިޔާމްގެ ސާބިތު ދަރަނީގެ ދެ މައްސަލައެއް ސުޕްރީމް ކޯޓުގައި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ޙަސަން ޝިޔާމްގެ ސާބިތު ދަރަނީގެ ދެ މައްސަލައެއް ސުޕްރީމް ކޯޓުގައި މިހާރުވެސް ހިނގަމުންދާ ކަމަށް އެ ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ފާހަގަކޮށްފިއެވެ.
ޝިޔާމަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދުގެ ކޮއްކޮ އެވެ.
ސުޕްރީމް ކޯޓުން މިކަން ފާހަގަކޮށްފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ވީބީ ޝިޔާމްގެ ކެންޑިޑޭސީ ބަލައިނުގަތުމުން، އިލެކްޝަންސްއާ ދެކޮޅަށް އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ ތިންވަނަ ނަންބަރުގެ ތަފްސީލުގައެވެ.
ޝިޔާމް، ކުރިއަށް އޮތް އާއްމު އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމް ބަލައިގަތުމަށް އެ ކޮމިޝަންގެ މައްޗަށް އަމުރުކޮށް ސުޕްރީމް ކޯޓުން، ނެރުނު ހުކުމުގައި ބުނެފައިވާ ގޮތުން، ޝިޔާމްއާއި އެކު އަށް މީހަކު ހިމެނޭ ސާބިތު ދަރަނީގެ ދެ މައްސަލައެއް ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށް އެ ކޯޓުގައި ހިނގަމުން އެބަދެއެވެ.
މީގެ ތެރެއިން އެއް މައްސަލަކީ، 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހަތް ލައްކަ އެއްތިރީސް ހާސް ފައްސަތޭކަ ސާޅިސް ރުފިޔާ އަށްޑިހަ ހަ ލާރީގެ ސާބިތު ދަރަނީގެ މައްސަލައެކެވެ. އަނެއް މައްސަލައަކީ، 25 މެއި 2017 ގައި ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ ފަސް ލައްކަ ހަތްދިހަ ފަސްހާ ދުވިސައްތަ ރުފިޔާގެ ސާބިތު ދަރަނީގެ މައްސަލައެކެވެ.
މި ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ސުޕްރީމް ކޯޓުގައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަނެއް މައްސަލަ އެ ކޯޓުގައި އޮންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު މިހާތަނަށް އެ ދެ މައްސަލައިން ކުރެ އެއްވެސް މައްސަލައެއް އެ ކޯޓުން ނިންމާފައިނުވާ ކަމަށް އިއްޔެ އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ހުކުމުގައި ބުނެފައިވާ ގޮތުން، ވީބީ ޝިޔާމްގެ މައްޗަށް ސާބިތުވެފައިވާ ސާބިތު ދަރަނީގެ އިތުރު ދެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ކުރިއަށް އެބަދެއެވެ. އެއީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅުނު ދެ ލައްކަ ހަތްދިހަ ނުވަހާސް ރުފިޔާގެ ސާބިތު ދަރަނީގެ މައްސަލައަކާ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ސާޅިސް ތިން ހާސް ދުވިސައްތަ ރުފިޔާގެ ސާބިތު ދަރަނީގެ މައްސަލައެކެވެ.
ސުޕްރީމް ކޯޓުގެ ހުކުމުން ފާހަގަކުރެވިފައިވާ ގޮތުގައި ވީބީ ޝަވީދުގެ މައްޗަށް ސާބިތުވެފައިވާ އެއް މިލިއަން ހަ ލައްކަ އަށާވީސްހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ އަށްޑިހަ ލާރީގެ ސާބިތު ދަރަނީގެ މައްސަލަތަކެއް މަތީ މަރުހަލާގެ ކޯޓުތަކުގައި އަދި ނުނިމި އެބަހުއްޓެވެ. ދޮޅު މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސާބިތު ދަރަނީގެ މައްސަލަތައް ވީބީ ޝިޔާމާ ދެކޮޅަށް މަތީ މަރުހަލާގެ ކޯޓުތަކުގައި ނުނިމި ހުރިނަމަވެސް، ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ އޭނާގެ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ "ފުރިހަމަނުވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް" ކަމަށެވެ.
ސާބިތު ދަރަންޏެއް އޮތް މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް ނަމަވެސް އެ ދަރަންޏަކީ މަތީ ކޯޓަކަށް އިސްތިއުނާފުކޮށްފައިވާ ދަރަންޏަކަށްވާނަމަ، އިންތިހާބުގައި ވާދަ ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުންވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ