ޝަހީދު ހުސައިން އާދަމް ޝަހީދުކޮށްލި މީހާ އެމްބަސީގައި ބެހެއްޓުމަކީ ލަދުވެތިކަމުގެ އިންތިހާ: ނިހާނު

ގައުމާއި ދީނަށްޓަކައި ހަނގުރާމަކޮށް ޝަހީދުވި، ޝަހީދު ހުސައިން އާދަމްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލި މީހަކު ދިވެހި އެމްބަސީއެއްގައި ބަހައްޓައިގެން ހިމާޔަތް ދިނުމަކީ ލަދުވެތި ކަން އިންތިހާއަށް ދާންޖެހޭވަރުގެ ކަމެއް ކަމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ބާޣީ ލުތުފީ ޖަލުގައި ހުއްޓައި ފުރުވާލުމަށްފަހު ހިމާޔަތް ހޯދުމަށް ގޮސް ސްރީލަންކާގެ އެމްބަސީއަށް ވަނުމުން އޭނާ ފިލުވައިގެން ގެންގުޅުމަކީ ދިވެހި ސިފައިންނާއި ފުލުހުންނަށް ކުރި މަލާމަތެއް ކަމަށާއި އެދުވަހު ސިފައިންނާއި ފުލުހުންގެ އިތުރުން ރައްޔިތުންގެ ހިތުގައި ލެއްވި ލައްގަނޑު ދުވަހަކުވެސް ނުފިލާނެ ކަމަށެވެ.
އަދި ލުތުފީ އެމްބަސީގައި ފޮރުވައިގެން ދެމަސްދުވަހު ހިމާޔަތް ދީގެން ގެންގުޅުނު ވާހަކައަކީ ޒަމާންތަކަށް ދެމިގެންދާނެހެން ލިޔެވި ރައްކާކުރެވޭނެ ވާހަކައެއް ކަމަށާއި މިއީ ބައިނަލް އަގްވާމީ ގޮތުންވެސް މަނާ ކަމެއް ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވި ގޮތުގައި ލުތުފީ ދިވެހި އެމްބަސީއެއްގައި ފޮރުވައިގެން ގެންގުޅުމަކީ ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ކުރަމުން އަންނަ މަސައްކަތާއި ޓެރަރިޒަމްގެ ގާނޫނާ ހިލާފަށް ހިންގި ޖަރީމާއެއް ކަމަށެވެ.
އަދި ލުތުފީއަކީ ހަތިޔާރާއެކު ބޭރުގެ ބަޔަކު ރާއްޖެ ގެނެސް ސިފައިންނާއި ހަނގުރާމަކޮށް 19 ދިވެހިން ޝަހީދުކޮށް އެތައް ރައްޔިތުންނަކަށް އަނިޔާތައް ދިން މީހެއް ކަމަށާއި ރައްޔިތުން އަތުން ފޭރި ތަންތަން ލޫޓުވައިލުމުގެ އިތުރުން ބަޔަކު ރަހީނުކުރި މީހެއް ކަމަށް ނިހާން ވިދާޅުވިއެވެ. އެހެންކަމުން ލުތުފީއަށް ދިވެހިން ދުވަހަކުވެސް މައާފު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ މިނިސްޓަރު މާރިޔާއަކީ ނޮވެމްބަރު ތިނެއްގެ ހާދިސާއާއި ގުޅުވައިގެން ދިވެހި ސިފައިންނަކީ އެއްވެސް ބައެއް ނޫންކަން ދޭހަވާ ގޮތަށް ސިފައިންގެ އަގުވައްޓައިލުމަށް ވާހަކަ ދެއްކެވި ބޭފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ