ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ސްކޫލް ކްރިކެޓް ކަޕްގެ ކުޅުން މިއަދު ފަށައިފި އެވެ.
ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އެންމެ ފުރަތަމަ ފެށި 14 އަހަރުން ދަށުގެ ބައިގެ ކުޅުމެވެ. 14 އަހަރުން ދަށުގައި ޖުމްލަ 7 ސުކޫލް ވާދަކުރެއެވެ. އެއީ މުހުޔިއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލުގެ އިތުރުން ތާޖުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އަދި މަޖީދިއްޔާ ސްކޫލެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ މުހުޔިއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. މި މެޗު 26 ލަނޑުން ކާމިޔާބުކުރީ މުހުޔިއްދީން ސްކޫލުންނެވެ. މި މެޗުގައި ޓޮސް ދިމާވުމުން މުހުޔިއްދީން ސްކޫލުން ގަސްދުކުރީ ކުޅުމަށެވެ. އެގޮތުން ކުޅެންއަރާ 10 އޯވަރު ހަމަވިއިރު ވަނީ 99 ލަނޑު ހަދާފައެވެ. ޖަވާބުގައި ޖަމާލުއްދީން ސްކޫލް ކުޅެންއަރާ 10 އޯވަރު ހަމަވިއިރު ހެދުނީ 74 ލަނޑެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލެވެ. މި މެޗު 34 ލަނޑުން ކާމިޔާބުކުރީ އިސްކަންދަރު ސްކޫލެވެ. މެޗުގައި ޓޮސް ދިމާވުމުން އިސްކަންދަރު ސްކޫލުން ގަސްދުކުރީ ކުޅުމަށެވެ. އެގޮތުން ކުޅެންއަރާ 10 އޯވަރު ހަމަވިއިރު ވަނީ 100 ލަނޑު ހަދާފައެވެ. ޖަވާބުގައި ހިރިޔާ ސްކޫލް ކުޅެންއަރާ 10 އޯވަރު ހަމަވިއިރު ހެދުނީ 66 ލަނޑެވެ.
މުބާރާތް މިއަދު ފެށިއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހުގައެވެ. ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭ ދުވަހު ހާއްސަ ކާނިވަލެއް ބޭއްވުމަށް ކްރިކެޓް ބޯޑުން ވަނީ ނިންމާފައެވެ. އެގޮތުން 12 އަހަރުން ދަށަށް ހުޅުވާލައިގެން ބާއްވާ މި ކާނިވަލްގައި ކްރިކެޓާއި ގުޅުންހުރި ތަފާތު ހަރަކާތްތަކެއް ކުރިޔަށްދާނެ ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތުދެއެވެ.
އިންޓަރ ސްކޫލް ކްރިކެޓް މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ