ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ. އަދި މި ޤާނޫނު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗް ފަހަކުން ހަތަކަށް އިތުރުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އާޒިމް ހުށަހެޅުއްވި މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. މިއިސްލާހު ފާސްކޮށްފައިވަނީ މަޖިލީހުގެ 73 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ސުޕްރީމް ކޯޓު އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު 2010 ވަނަ އަހަރު އެވެ. ނަމަވެސް 2014 ވަނަ އަހަރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ކުޑަކޮށްފަ އެވެ. އެ ބަދަލާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ވަކިކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މަހެއްގެ މައްޗަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް ބަދަލުކުރާނަމަ އެ ހުރިހާ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދު ވާނެ އެވެ. އެ ކޯޓު ބެންޗު ހަތަކަށް އިތުރު ކުރިއިރު މިއީ މިސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެކެވެ.
ސުޕްރީމް ކޯޓުގެ ބެންޗު 7 ކަށް އިތުރުކުރާ އިސްލާހު ތަސްދީގުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ