އަޅުގަނޑު ޖަލަކަށް ނުލެވޭނެ: އުމަރު

އޭނާ ޖަލަށް ލެވޭތޯ މަސައްކަތް ކުރި އެއްވެސް ބަޔަކަށް އެކަމުގައި އަދި ކާމިޔާބެއް ލިބިފައިނުވާ ކަމަށާއި އެކަމެއް ނުވެސްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު އެހެން ވިދާޅުވީ، ޗެނަލް 13އިން ގެނެސްދިން ޕްރޮގްރާމެއްގައި ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްފަހު އުމަރުވެސް ޖަލަށް ދާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވި ވާހަކައަށް ރައްދު ދެއްވަ އެވެ.
ކުރީގެ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ވިދާޅުވީ، މި ސަރުކާރަކީ އޭނާ ޖަލަށް ލެވޭތޯ މަސައްކަތް ކުރާ ތިން ވަނަ ސަރުކާރު ކަމަށެވެ.
“އިރާދަކުރެއްވިއްޔާ އަދި އެއްވެސް ބަޔަކަށް ކާމިޔާބެއްނުވޭ. އަދި ނުވެސްވާނެ،” އުމަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވެފައިވާ އިރު، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
އޭނާއަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ 2015 ވަނަ އަހަރު ތެރޭގައި ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް އުމަރާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ