ކޯޓުން ބޭރުކުރި 149 ކިލޯގެ ޑްރަގް މައްސަލަ މަޖިލިހަށް ހުށަައަޅައިފި

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން، އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މިމައްސަލައިގައި ދައުވާކުރުމަށް ގައްދޫ ކޯޓަށް 2019 އަހަރުގެ ޖުލައިމަހުގެ ތެރޭގައި ހުށައެޅި ނަމަވެސް، އެމައްސަލަ ކޯޓުން ބޭރުކޮށްލީ އިޖުރާއީ މައްސަލަތަކެއް ހުރެގެންކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. ކޯޓުން މައްސަލަ ބޭރުކޮށްލާފައިވާއިރު، އެމައްސަލަ އިސްތިއުނާފްކުރުމާމެދު ޕީޖީ އޮފީހުން ވަކި ގޮތެއް އަދި ނުނިންމަވައެވެ.
މިކަމާއި ގުޅިގެން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުަށްޓަކައި އިއްޔެ މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބޭ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އަނެއް މީހާގެ މައްޗަށް އުފުީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ޑައިމޯފިން ޓްރެފިކްކުރުމާއި އެކަމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އެއްލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ހުކުމްކުރާނެ އެވެ.
މިމައްސަލައިގައި ދައުލަތުން ފަސް މީހަކަށް ދައުވާކުރިއިރު، އެއީ، ގއ. ނިލަންދޫ ފިރްޝާންވިލާ އަލީ ޝާކިރު 30، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު 35، ގއ. ކޮނޑޭ ގަހާކޯޅި އަހުމަދު އަނިލް 34، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލް 42 އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު 23 އެވެ.
ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ރައްކާކޮށްފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވަނީ މެދުނުކެނޑި ގާތްގަނޑަކަށް 72 ގަޑިއިރު ހިންގި އޮޕަރޭޝަނެއްގައި އެ އަތޮޅުގެ ބައެއްް ފަޅުތަކާއި ބައެއް ފަޅުރަށްތައް ވެސް ބަލައި ފާސްކުރުމަށްފަހު އެވެ.
މިތަކެއްޗަކީ ކަނޑުމަގުން ރާއްޖެ އެތެރެކޮށް ލޯންޗެއްގައި އެރަށަށް ގެންގޮސް ވަޅުލާފައިވާ ތަކެތި ކަމަށް ފުލުހުން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި 96.36 ކިލޯގެ އޮޕިއޭޓްސްއާއި 47.27 ކިލޯގެ ކެނަބިސް ހުރި ކަމަށެވެ. އަދި މިތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ