ސަރުކާރުގެ ޕްރޮޖެކްޓްތަކުން ކުންފުނިތަކަށް ފައިސާ ލިބުން ލަސްވެ، އާއިލާތަކަށް ނުރަނގަޅު އަސަރު އަންނަނީ ކުރަމުން: ކޮންޓްރެކްޓަރސް އެސޯސިއޭޝަން

މަސައްކަތްތަކަށް ހުށަހެޅޭ އިންވޮއިސްތަކަށް ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފަައިސާތަށް ދިނުމަށް ބާރުއެޅުއްވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން ގޮވާލައިފިއެވެ. 
ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން މިގޮތަށް ގޮވާލާފައިވަނީ ހޯމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައެވެ. މި ބަޔާނުގައި އެ އެސޯސިއޭޝަނުން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ދިމާވާ ދަތިތައް ފާހަގަކޮށްފައެވެ. 
ކޮންޓްރެކްޓަރުންނަކީ ކުދި ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ކުދި ފިހާރަތަކާއި ހާރޑްވެޔަރ އަދި އެހެނިހެން މެޓީރިއަލް ސަޕްލަޔަރުންނާއި ދަތުރުފަތުރު ކުރާ ފަރާތްތަކާއި ގުޅި ލާމެހިފައިވާ ފަރާތްތަކަކަށްވާއިރު، ފައިސާ ލިބުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން އެފަރާތްތަކަށްވެސް ނޭދެވޭ އަސަރު ކުރާކަމަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެވޯރޑްކުރާ ޕްރޮޖެކްޓްތަކުގެ އިންވޮއިސްތަކަށް ފައިސާ ލިބުން ލަސްވާކަމުގެ ޝަކުވާ އެ އެސޯސިއޭޝަނަށް ތަކުރާރުކޮށް އަންނަ ކަމަށް ވަނީ ބުނެފައެވެ. 
މީގެއިތުރުންވެސް، މަސައްކަތުގެ އުޖޫރު ދިނުން ލަސްވުމުގެ ސަބަބުން އިޖްތިމާއީ ގޮތުންވެސް ދޭދޭ އަފުރާދުންގެ މެދުގައި އިތުބާރުގެއްލުމާއި ބޮޑެތި ހަމަނުޖެހުން އުފެދިގެންދާނެކަމަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުންވަނީ ބުނެފައެވެ. 
އެހެންކަމުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދަތި ހާލަތުގައި ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންވޮއިސްތަކަށް ފައިސާ ދެއްކެވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ ޖަމިއްޔާއިންވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ