ފުލުހަށް ހާޒިރުވުން އަންނަ މަހަށް ހަދައިދިނުމަށް ކަންގަނާ އެދިއްޖެ

ފުލުހަށް ހާޒިރުވުން އަންނަ ނޮވެމްބަރު މަހުގެ މެދުތެރެއަށް ހަދައިދިނުމަށް ކަންގަނާ ރަނޯއަތު އެދިއްޖެ އެވެ.
ނަފްރަތު އުފައްދައި، ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ ކަންގަނާ އަދި އޭނާގެ ދައްތަ ރަންގޯލީ ޗެންދަލް އާއި ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހެޅި މީގެ ހަފްތާއެއް ކުރިންނެވެ. ކަންގަނާ އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކަންގަނާ އަދި ރަންގޯލީ މިމަހުގެ 25 އަދި 26 ގައި ބާންޑްރާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އޮތީ އަންގައިފައެވެ.
އެހެންނަމަވެސް މިހާރު ވަނީ ކަންގަނާގެ އެދުމުގެ މަތިން ފުލުހަށް ހާޒިރުވާން ޖެހޭ ތާރިހް މިއަންނަ މަހުގެ 15ގެ ފަހަށް ފަސްކޮށްފައެވެ. ކަންގަނާ އަދި ރަންގޯލީގެ ލޯޔަރު ރިޒްވާން ސިއްދީގީ ބުނީ ފުލުހަށް ހާޒިރުވާ ތާރީހު ފަސްކޮށްދޭން އެދުނީ، މިދުވަސްކޮޅު ކަންގަނާ އޭނާގެ ބޭބެގެ ކައިވެނީ ތައްޔާރީތަކުގައި ވަރަށް ބުރަކޮށް އުޅޭތީ ކަމަށެވެ.
ކަންގަނާ އަދި ރަންގޯލީ މިވަގުތު ތިބީ އެމީހުންގެ ބޭބެ އަކްޝަތުގެ ކައިވެނީގެ ބައިވެރިވުމަށް ހިމާޗަލް ޕްރަދޭޝްގައެވެ. އެގޮތުން ބޭބެގެ ކައިވެނީގެ ކަންކަން ނިންމާފައި މިއަންނަ މަހުގެ 15 ގެ ފަހުން ކަންގަނާ ފުލުހަށް ހާޒިރުވާނެ ކަމަށް ގާނޫނީ ވަކީލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ