ޝެއިހް ނިޝާންގެ ބަންދު ހައި ކޯޓުން ދަމަހައްޓައިފި

ޔޯގާ ޑޭ ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ. ގަލޮޅު ދަނޑުގައި ބައިނަލްގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ނިޝާން ހައްޔަރު ކޮށްފައި ވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. ޝެއިހް ނިޝާން ބަންދުކޮށް މުއްދަތު އިތުރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައިފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ނިޝާންގެ މުއްދަތު އިތުރު ކޮށްފައިވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ. ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ނުޖެހޭ ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެފައެވެ. އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދުއެވެ. ދެން ބެންޗުގައި ތެއްބެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ. އެ ދުވަހުގެ އިހްތިޖާޖަށްފަހު ޝައިޚް ނިޝާން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ހަރަކާތާ ދެކޮޅަށް އަޑުއުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ސުލްހަވެރިކޮށް އެ ހަރަކާތް ގެންދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ނަމަވެސް އެ ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭ ކެކި އޭނާގެ އިރުޝާދަށް ތަބާނުވެ ގަލޮޅު ދަނޑު ތެރެއަށް ވަދެގަތީ ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ އެކަން ކޮންޓްރޯލު ނުކުރެވުމުން އެ ހަރަކާތް ނިންމާލީ ކަމަށް އިއުލާނު ކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާނެ ކަމަށެެވެ. ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ. ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ. އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ