ފުލުހުންގެ ހައްޔަރުގައި ހުރި މީހަކަށް އަނިޔާވީ ކީއްވެތޯ ބަލަނީ

ދެ ފުލުހަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައި ހުރި މީހަކަށް އަނިޔަ ލިބުނީ ކީއްވެތޯ ބަލަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ މިިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު، ދެ ފުލުހަކަށް ބިރުދައްކާ، އިންޒާރުދީ، އަދި އަދި އެެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރި ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރިއިރު، އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމަތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ އަށް ރޯގާޖެހި ބަލިވެގެން އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުން، އިނގިލީގައި ރިއްސާކަމަށް ބުނާތީ އެކްސްރޭ އެއް ނެގި ކަމަށާއި، އޭނާގެ ކަނާތުގެ އިނގިއްޔެއްގެ ކަށިގަނޑަށް ގެއްލުންވެފައިވާ ކަމަށް އެކްސްރޭ އިން ދެއްކި ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަށް އެ އަނިޔާ ލިބުނީ ކިހިނެއްތޯ ބެލުމަށް ފުލުހުން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށާއި، އޭނާގެ އާއިލާއަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ނަންބަރު ހިއްސާކޮށް، މައްސަލާގައި ކުރިއަށްދާނެ ގޮތް ކިޔައިދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. މި މީހާ މިހާރު ބަންދުން ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ