މައުމޫން ހަމީދުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް!

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހަޅައިފި އެވެ.
މިމައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު އެވެ.
ޒާހިދު ބުނިީ މައުމޫންގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވަނީ ސޯޝަލް މީޑިއާ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އިސްމާއީލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ނަން ކޯޓަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ޒާހިދު ބުނީ އިސްމާއީލް ރަޝީދަކީ އޭނާ އެއްގޮތަކަށް ވެސް ދަންނަ މީހަކަށް ނުވެފައި އަދި ދުވަހަކު ބައްދަލުވެސް ވެފައިވާ މީހަކަށް ނުވާތީ އޭނާގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހެޅީ ޝަރީއަތުގައި ސިޔާސީ ކުލަ ޖެއްސެމުގެ އިތުރުން އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ.
މައުމޫން ހަމީދު ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އޭނާގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި، އަގުވައްޓާލަން މަސައްކަތް ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ޒާހިދު ބާ ކައުންސިލަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އިސްމާއީލް ރަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. މިދައުވާއާއި ގުޅިގެން އިސްމާއީލް ރަޝީދުގެ ދިފާއީ ހެކިންގެ ގޮތުގައި ކޯޓަށް ކުރިން 11 މީހެއްގެ ނަން ހުށަހެޅި ނަމަވެސް މިހާރު ވަނީ އެ އަދަދު ހަތަރަކަށް މަދުކޮށްފަ އެވެ. އަދަދު މަދުކުރިއިރު މީގެތެރޭގައި ޒާހިދުގެ ނަންވެސް ހިމެނެ އެވެ.
މައުމޫން ހަމީދު މީގެކުރިން ވިދާޅުވީ ޔާމީނަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަކުރެވޭ މީހުންގެ ތެރޭގައި ޒާހިދު ހިމެނޭ ކަމަށެވެ. އެހެންވެ ޒާހިދުގެ ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރަކަށްވެސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ