ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރެފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރަމުންދާއިރު، އެ ހާދިސާ ހިނގި އިރު ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ކޮމިޓީގެ ބައްދަލުވުން ތަކުގައި ބައިވެރި ނުކުރުމަށް ކޮމިޓީން ފާސް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ގައި މިއަދު އެ ރިޕޯޓުގެ މައްސަލަ ކުރިއަށް ދިޔައިރު، އަބުދުﷲ ރިޔާޒު، އެކަމާ ބެހޭ ބައްދަލުވުންތަކުގައި ބައިވެރި ނުކުރުމަށް ހުށަހެޅުއްވީ، އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. އަލީ އާޒިމް ވިދާޅުވީ، ރިޔާޒުގެ ވާހަކަ މަރު ކޮމިޝަންގެ ރިޕޯޓްގައި ހިމެނޭ ކަމަށާއި އެހެންކަމުން އެ ބައްދަލުވުންތަކުން ރިޔާޒު ތަނާޒުލުވާން ޖެހޭ ކަމަށެވެ. އަދި ކޮމިޓީން އެގޮތަށް ފާސް ކުރަން އަލީ އާޒިމް ހުށަހެޅުއްވިއެވެ.
ނަމަވެސް ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެގޮތަށް ހުށަހެޅުމުގެ ބަދަލުގައި އެ ރިޕޯޓް ދިރާސާ ކުރަމުންދާއިރު ރިޕޯޓުން ފާހަގަ ކުރެވޭ ކޮންމެ މެންބަރަކު ވެސް ތަނާޒުލުވާން ޖެހޭގޮތަށް ފާސްކުރަން އަލީ އާޒިމްގެ ހުށަހެޅުން ބަދަލު ކުރުން މުހިއްމު ކަމަށެވެ. ނަމަވެސް އަލީ އާޒިމް ވިދާޅުވީ ހުށަހެޅުން ރީތި ކޮށްލަން އެ ބަދަލު ގެނެވިދާނެ ކަމަަށާއި، ނަމަވެސް މެންބަރުން މުޅި ރިޕޯޓް ކިއުއްވި އިރުވެސް އަބުދުﷲ ރިޔާޒު ވިޔަވައި މަޖިލިސް އެހެން މެންބަރެއްގެ ވާހަކަ ފާހަގަ ކުރެވިފައި ނުވާކަމަށެވެ.
އެހެންކަމުން އެ ހުށަހެޅުމަށް އިތުރު ބަދަލެއް ނުގެނެސް އަލުން ހުށަހަޅުއްވާ ކަމަށް ވިދާޅުވިއެވެ.
އަލީ އާޒިމްގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލާބީބެވެ.
އަލީ އާޒިމްގެ އެ ހުށަހެޅުއްވުން ކޮމިޓީން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި އަށް މެންބަރުންގެ އިއްތިފާގުންނެވެ.
އަފްރާޝީމްގެ މަރުގެ ރިޕޯޓް ކޮމިޓީން ދިރާސާ ކުރާއިރު ތިމަރަފުށީ ދާއިރާގެ މެންބަރު ބައިވެރި ނުކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ