މިރޭ ހިފާ ހަނދުކޭތަ އެހާ ރީއްޗެއް ނުވާނެ: މައުމޫން

މިރޭ ހިފާ ހަނދުކޭތަ ބަލާލަން އެހާ ރީތި ނުވާނެ ކަމަށް ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މި ހަނދުކޭތަ ހިފަނީ މިރޭ ރާއްޖޭގެ ގަޑިން 22:07 އިން ފެށިގެން މެންދަމު 02:12 އާއި ދެމެދު އެވެ. އެއީ ފުރިހަމަ ހަނދުކޭތައެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެ އެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ ހިފާނީ "ޕެނަމްބްރަލް" ހަނދުކޭތައެއް ކަމަށެވެ. އަދި ހަނދުގެ އަލިކަން ގެއްލޭނީ ވަރަށް ކުޑަކޮށް ކަމަށާއި އެހެން ކަމުން އެއީ ބަލާލަން އެހާ ރީތި މަންޒަރަކަށް ނުވާނެ ކަން ވަނީ ފާހަގަަކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ މިރޭ ހަނދު ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 00:10 ގައި ކަމަށެވެ.
އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ހުކުރު ދުވަހުގެ މެންދަމު 00:00 ގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން އޮންނާނެ އެވެ. ކޭތަ ނަމާދު ކުރުން އޮންނާނީ ކޮންމެ ރަށެއްގެވެސް އެންމެ ބޮޑު މިސްކިތުގައެވެ.
މާލެ ސިޓީގައި ކޭތަނަމާދު ކުރާނީ އިސްލާމި މަރުކަޒު، މަސްޖިދުލް ބިއްރި (ވިލިގިލި) އަދި މަސްޖިދުއް ޝައިޚް ގާސިމް ބިން މުހައްމަދު އާލް ޘާނީ(ހުޅުމާލެ) ގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ