ހޮންކޮންގައި މިހާރު ކުރިއަށްދާ ސައުދީ ސުޕަކަޕް ސެމީފައިނަލް ފުރަތަަމަ މެޗުގައި މިރޭ އަލް ނަސްރު އާއި އަލް އިއްތިހާދު ވާދަކުރި މެޗު 2-1 ނަތީޖާއަކުން ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް އަލް ނަސްރު، މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ހާފު އަލް ނަސްރުން ވަރުގަދަކޮށް ފެށިއިރު، އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ސެނަގާލް ފޯވާޑް ސަޑިއޯ މާނޭ އެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން އަލް އިއްތިހާދުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ނެދަލާންޑްސް ފޯވާޑް ސްޓެވަން ބާގުވަން އެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އަލް ނަސްރުގެ ފޯވާޑް މާނޭ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއްދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އަލް އިއްތިހާދުން މެޗު ޑޮމިނޭޓްކުރި ނަމަވެސް ކައުންޓާ އެޓޭކުތަކުގައި އަލް ނަސްރުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު ފަހުހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދާދި ފަހުން އެޓީމާއި ގުޅުނު ޕޯޗުގަލްގެ ފޯވާޑް ޖޮއާއު ފެލިކްސް އެވެ.
މިއީ އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޯޅައާއެކު އަލް އިއްތިހާދުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ތަނަވަސްކޮއްދިން ފުރުސަތެއްގައި މުޅިން ހުސްކޮށްހުރެ އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓުފަހުން ފެލިކްސް އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން އަލް ނަސްރުގެ ކުޅުންތެރިއަކު ފައުލްކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ވެސް މިހާފުގައި ފެލިކްސް ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، މިދިޔަ ސީޒަނުގެ ސައުދީ ޕްރޯ ލީގު ޗެންޕިއަން އަލް އިއްތިހާދުގެ ފަރާތުން މުޅި މެޗުގައި ވެސް ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލް ނަސްރުގެ ޖޮއާއު ފެލިކްސް އެވެ.
ސައުދީ ސުޕަކަޕް 2025: 10 ކުޅުންތެރިންނާއެކު ކުޅެ އަލް އިއްތިހާދު ކަޓުވާލުމަށްފަހު އަލް ނަސްރު ފައިނަލުން ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ