ބީއެމްއެލް ސްކޫކުގެ ބޭނުމަކީ ސަރުކާރަށް ފައިސާ ހޯދުމެއް ނޫން، އަމިއްލަ ވިޔަފާރިތައް ފުޅާކުރުން: ޒަމީރު

ދައުލަތުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިއްކަން ތައްޔާރުވަމުން އަންނަ 300 މިލިއަން ޑޮލަރުގެ ސުކޫކުގެ ބޭނުމަކީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުން ނޫން ކަމަށާއި އޭގެ ފައިސާ ބޭނުންކުރާނީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓުތަކަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ސުކޫކު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކުމަށް އޭޝިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑު މެނޭޖަރުންނާ ބައްދަލުކޮށް، މާކެޓުގެ ޝައުގުވެރިކަން ހުރި މިންވަރު ބެލުމަށްޓަކައި ބޭރުގެ އިންވެސްޓަރުންނާ ބައްދަލުކުރަން ބީއެމްއެލްއިން ވަނީ 28 އޭޕްރީލުން 8 މޭގެ ނިޔަލަށް ހޮންކޮންގް، ލަންޑަން އަދި ސިންގަޕޫރުގައި 'ނޮން-ޑީލް ރޯޑް ޝޯ'ތަކެއް ބާއްވާފަ އެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗު ރޭޓިންސް އިން ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް މިއަދު މަތިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - ޒަމީރު ވިދާޅުވީ، މި ސުކޫކަކީ މެދު ރާސްތާގައި އިގްތިސޯދު ކުރިއެރުވުމަށް، ހާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.
"މީގެ ކުރިން ވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ހާއްސަކޮށްފައިވާ މުއާމަލާތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މި ސުކޫކުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރަކަށް ވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރޭޓިން މަތިވުމަކީ އިގްތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށާއި އޭޕްރިލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމާ ގުޅިގެން ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާއަށް އޮތް އިތުބާރު ބޮޑުވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށެވެ.
"ދައުލަތުގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ދަރަނި ދެއްކުމުގެ ގާބިލުކަން އަލުން އިއާދަކުރުމަށް ދިވެހި ސަރުކާރު އޮތީ ސާބިތުކަމާ އެކު،" އޭނާ ވިދާޅުވި އެވެ.
"ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން އެނގިގެންދަނީ ސަރުކާރުން ރާވާފައިވާ މާލީ އިސްލާހުތަކާއި އިގްތިސާދީ ފިޔަވަޅުތަކަށް ބައިނަލްއަގްވާމީ މައިދާނުގައި އިތުބާރު ލިބެމުން އަންނަކަން."
ގުޅުންހުރި - ފިޗުގެ އިތުރުން ރާއްޖެއަށް ކްރެޑިޓް ރޭޓިން ދެނީ މޫޑީސް އިންނެވެ. އެ އެޖެންސީން މިދިޔަ ނޮވެމްބަރު މަހު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި ކުރިން އޮތް 'ނެގެޓިވް' އައުޓްލުކް 'ސްޓޭބަލް'އަށް ބަދަލުކޮށްފަ އެވެ.
އެނގުން މުހިންމު - މި އަހަރު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި އަދި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ދައްކާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ