އީރާނަކީ ބޮޑު ދެފަރުބަދަ ބަރިއާއި، ސަހަރާތަކުގެ އިތުރުން ކެސްޕިއަން ކަނޑާއި، ފާރިސީ ކަނޑުއޮޅި އަދި އޮމާން ކަނޑުގެ އައްސޭރިފަށުގެ މުއްސަނދިކަމާއި ރައްކާތެރިކަން ލިބިފައިވާ ގައުމެކެވެ. މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ މަގެކެވެ.
އީރާނުގެ ޖޯގުރަފީ އޮތްގޮތުން، އެއީ ބޭރުގެ އަސްކަރިއްޔާއަކަށް އަރައިގަނެ، އެ ގައުމު ހިފުމަށް ދުނިޔޭގައި އޮތް އެންމެ އުނދަގޫ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 1.4 މިލިއަން އަކަ ކިލޯމީޓަރަށް ފެތުރިފައިވާ މި ގައުމަކީ ދުނިޔޭގެ 17 ވަނައަށް އެންމެ ބޮޑު ގައުމެވެ.
އެ ގައުމުގެ ގުދުރަތީ މާހައުލު އެކުލެވިގެންވަނީ ގިނަ ފަށަލަތަކެއްގެ މައްޗަށް އެކުލެވޭ ދިފާއީ އައްޑަނައެއްގެ ގޮތުގައެވެ. ފަރުބަދަ ބަރިތަކާއި، ހަނަފަސް ސަހަރާތަކާއި، ލަފާކުރަން ދަތި އައްސޭރިފަށުގެ ސަބަބުން، އަރައިގަންނަ ބާރުތަކުގެ އަސްކަރީ ކުރިއެރުންތައް ހުއްޓުވައި، އެ ފަރާތްތަކުގެ ބާރު ކަނޑުވާލުމަށް އެހީތެރިވެދެއެވެ.
ފަރުބަދަތަކުގެ އައްޑަނަ
އީރާނަކީ އުސް ސަރަހައްދުތައް ގިނަ ގައުމެކެވެ. އެގޮތުން 2،000 މީޓަރަށްވުރެ އުސް 390 އަށްވުރެ ގިނަ ފަރުބަދަ އާއި، 4،000 މީޓަރަށްވުރެ އުސް 92 ފަރުބަދަ އެ ގައުމުގައި ހުރެއެވެ. ގައުމުގެ މެދުތެރޭ ސަރަހައްދު ވަށާލާފައިވަނީ ވަރުގަދަ ދެ ފަރުބަދަ ބަރިއަކުންނެވެ.
ޒަގްރޯސް ފަރުބަދަ ބަރި: އިރާގާއި ތުރުކީއާ ގުޅޭ ހުޅަނގު ބޯޑަރުގައި އޮންނަ މި ފަރުބަދަ ބަރިއަކީ ހުޅަނގުން އެއްގަމު މަގުން އަރައިގަންނަ ކޮންމެ ބާރަކަށްވެސް އޮތް ވަރުގަދަ ހުރަހެކެވެ. މި ސަރަހައްދުގެ ގޮތުން، ހަމަލާދޭ ފަރާތްތަކަށް މަޖުބޫރުވަނީ ހަނި މަގުތަކުން ދަތުރުކުރުމަށެވެ. މީގެ ސަބަބުން ފިލާ ތިބެ ހަމަލާދޭ ފަރާތްތަކަށް ބޮޑު ފުރުސަތެއް ލިބިގެންދެއެވެ.
އަލްބޯރްޒް ފަރުބަދަ ބަރި: އުތުރު ފަރާތް ދިފާއުކޮށްދޭ މި ފަރުބަދަ ބަރީގެ ސަބަބުން ގައުމުގެ އެތެރެވަރި ވަކިކޮށްދީ، ވެރިރަށް ތެހެރާން ފަދަ މުހިންމު ސަރަހައްދުތައް ރައްކާތެރިކޮށްދެއެވެ.
ބިމުއަޑީގެ ރައްކާތެރިކަން
މި ފަރުބަދަތަކުގެ ވަރުގަދަކަމުގެ ސަބަބުން، އީރާނުގެ އަސްކަރިއްޔާއަށް ވަނީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އެ ގައުމުގެ އެންމެ މުހިންމު އަސްކަރީ ވަސީލަތްތައް ބިމުގެ އަޑީގައި ވަރަށް ފުންކޮށް ވަޅުލައި ރައްކާތެރިކުރުމުގެ ފުރުސަތު ލިބިފައެވެ.
އީރާނުގެ މުހިންމު ނިއުކްލިއަރ މަރުކަޒުތަކާއި، މިސައިލް ރައްކާކުރާ ސަރަޙައްދުތަކުގެ އިތުރުން އަސްކަރީ ކޮމާންޑް އޮނިގަނޑުތައް ބިނާކޮށްފައިވަނީ ހަރު ހިލަ ފަރުބަދަތަކުގެ އަޑީގައެވެ. މީގެ ސަބަބުން، އެމެރިކާ އާއި އިސްރާއީލުން ހަފުތާތަކެއް ވަންދެން ދޭ ވައިގެ ހަމަލާތަކުން ސަލާމަތްވުމުގެ ވަރުގަދަ ދިފާޢީ ގާބިލުކަމެއް އެ ތަންތަނަށް ލިބިގެންވެއެވެ.
މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ސީނިއަރ ފެލޯ، އަލެކްސް ވަޓަންކާ 'މިޑްލް އީސްޓް އައި' އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނަކީ ފަރުބަދަތައް ގިނަ ގައުމެއް ކަމަށާއި، އެ ގައުމުގެ އަސްކަރީ ވަސީލަތްތައް ބިމުގެ އަޑީގައި ގާއިމުކުރުމަށް އީރާނުގެ ސަރުކާރުން ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މިފަދަ ހާލަތަކަށް އީރާނުން ތައްޔާރުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، 2003 ވަނަ އަހަރުވެސް ސައްދާމް ހުސައިންގެ ސަރުކާރަށް ވުރެ މިފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން އީރާނުގެ މާ ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެދުތެރޭގެ ސަހަރާތައް
ފަރުބަދަތަކުގެ ފުރަގަހުގައި އޮންނަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި އަދި ދިރިއުޅެން ދަތި ދެ ސަހަރާ ކަމަށްވާ 'ދަޝްތޭ ކަވީރު' އާއި 'ލޫތު' ސަހަރާ ހިމެނޭ މެދުތެރޭގެ އުސް ބިންތަކެވެ. އީރާނަށް އަރައިގަންނަ ލަޝްކަރަކަށް ބަލާއިރު، މި ސަހަރާތަކަކީ ޖިއޮގްރަފީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު ހުރަހެކެވެ. މި ސަރަޙައްދުތަކަކީ ނިވާވާނެ ތަނެއް ނެތް، ހޫނުމިން އިންތިހާއަށް މަތި، އަދި އަސްކަރީ ސާމާނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި (ލޮޖިސްޓިކްސް) ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ސަރަޙައްދުތަކެކެވެ.
އީރާނަކީ ބިޔަ ބޮޑު ގައުމަކަށް ވާތީ، ދުޝްމަނުންނަށް ފަސޭހައިން އަމާޒުކުރެވޭނެ ފަދަ މަދު މަރުކަޒުތަކަކަށް އެ ގައުމުގެ ފައުޖުތައް ޖަމާކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި، އީރާނުގެ ބޮޑު ސަރަޙައްދުގެ ބޭނުން ހިފައިގެން، އެކި ތަންތަނަށް ދަތުރުކުރެވޭ ފަދަ މޮބައިލް ހަތިޔާރުގެ ނިޒާމުތައް ފޮރުވައި، އެކި ސަރަޙައްދުތަކަށް ބަހާލުމުގެ ފުރުޞަތު އެ ގައުމަށް ލިބިގެންވެއެވެ.
ވޮޝިންޓަން އިންސްޓިޓިއުޓްގެ އެނަލިސްޓެއް ކަމަށްވާ ފަރްޒީން ނަދީމީ ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ޖިއޮގްރަފީގެ ސަބަބުން، ވައިގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވަމުން ދާއިރުވެސް 'ލިކުއިޑް ފިއުލް' ބޭނުންކުރާ މިސައިލްތައް ފޮނުވުމުގެ ގާބިލުކަން އެ ގައުމަށް ލިބިފައިވެއެވެ. މިފަދަ މިސައިލްތައް ފޮނުވުމަށްޓަކައި ހާމަ ތަންތަނުގައި ތައްޔާރުކުރަންޖެހޭ ބިޔަ ލޯންޗަރުތައް ބޭނުންވެއެވެ. އީރާނަކީ ބޮޑު ސަރަޙައްދެއް އޮތް ގައުމަކަށް ވުމުން، މިކަން ކުރެވޭނެ ފުރުޞަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި ކަމަށް 'މިޑްލް އީސްޓް އައި' އިން ރިޕޯޓުކޮށްފައިވެއެވެ.
ދެކުނު އައްސޭރިފަށާއި ރަށްތައް
އީރާނުގެ ދެކުނު ބޯޑަރު 'ޕާޝިއަން ގަލްފް' ނުވަތަ ފާރިސީ ކަނޑުއޮޅީގެ އައްސޭރިފަށުގައި 1،800 އަށްވުރެ ކިލޯމީޓަރަށް ބޮޑަށް ދެމިގެންވެއެވެ.
ހޮރްމުޒް ކަނޑުއޮޅިއާއި އޮމާން ކަނޑުގެ އައްސޭރިފަށަކީ ތޫނު ހިލަގަނޑުތަކާއި، ފުންމިން އެހާމެ ތިލަ ބެދިފައިވާ އޮއިވަރެއް އެކުލެވޭ ސަރަހައްދެކެވެ. މި ގުދުރަތީ ހުރަސްތަކުގެ ސަބަބުން، ކަނޑުމަގުން އެއްގަމަށް އަރައިގަންނަ އަސްކަރީ އުޅަނދުތަކަށް އެ ސަރަހައްދަށް ވާސިލުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.
ރަށްތަކުގެ މަޅި
އީރާނުން މި ސަރަހައްދުގެ އިސްތިރާތީޖީ 42 ރަށެއް ކޮންޓްރޯލް ކުރެއެވެ. އޭގެ ތެރޭގައި ގޭޝްމް، ހޮރްމުޒް އަދި ލާރަކް ފަދަ ރަށްތައް ހިމެނެއެވެ. އެމެރިކާ ފަދަ ޒަމާނީ އަސްކަރިއްޔާއަކަށް، އެމީހުންގެ ކަނޑުގެ ބާރުގެ ބޭނުންކޮށްގެން މި ރަށްތައް ހިފިދާނެ ކަމަށް ފެނުނަސް، އެ ތަންތަން ދިފާއުކޮށް ހިފަހައްޓައިގެން ތިބުމަކީ މުޅިން ތަފާތު ކަމެކެވެ.
އަސްކަރީ މާހިރުން އިންޒާރު ދޭ ގޮތުގައި، އީރާނުގެ މައި ބިމާ މި ރަށްތައް ކައިރިވުމަކީ (މިސާލަކަށް ގޭޝްމް އޮންނަނީ އެންމެ 2 ކިލޯމީޓަރު ދުރުގައެވެ) އެ ރަށްތައް ބޮޑު މަޅިއަކަށް ބަދަލުކުރުމުގެ ފުރުސަތު އީރާނަށް ލިބޭ ކަމެކެވެ. އީރާނުން 'އެސިމެޓްރިކް' ހަނގުރާމައިގެ އުކުޅުތަކާއި، ޑްރޯން އަދި ބޮޑުބަޑީގެ ހަމަލާތައް ބޭނުންކޮށްގެން، އައްސޭރިފަށުގައި ތިބެ ހިފާފައިވާ ސަރަހައްދުތަކަށް މެދުނުކެނޑި ހަމަލާދީ އިދިކޮޅު ލަޝްކަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދެވޭނެއެވެ.
ޔޫ.އެސް.އެފް ގްލޯބަލް އެންޑް ނޭޝަނަލް ސެކިއުރިޓީ އިންސްޓިޓިއުޓްގެ ރިސާޗް ފެލޯއެއް ކަމަށްވާ އަރްމާން މަހްމޫދިއަން "މިޑްލް އީސްޓް އައި" (MEE) އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ރަށްތަކުގައި އެމެރިކާއާ ހަނގުރާމަކޮށް މޮޅުވުމުގެ ފުރުސަތު ކުޑަކަން އީރާނަށް އެނގޭ ކަމަށެވެ. އެހެންކަމުން، އެމެރިކާ ސިފައިން އެ ރަށްތަކަށް އެރުމަށް ފުރުސަތު ދިނުމަށްފަހު، އެ ތަނުގައި ތިބޭ ސިފައިންނަށް އަމާޒުކޮށް ހަމަލާދިނުމަކީ އީރާނުގެ އުކުޅަކަށް ވެދާނެއެވެ.
ހޮރްމުޒް ކަނޑުއޮޅިއާއި ރަށްތަކުގެ ކޮންޓްރޯލް
ހޮރްމުޒް ކަނޑުއޮޅިއަކީ މިހާރު އެންމެ ނުފޫޒުގަދަ އެއް ސަރަހައްދެވެ. ހަނގުރާމައިގެ ކުރިން، ދުނިޔެއަށް ބޭނުންވާ ތެލުގެ ފަސްބައިކުޅަ އެއްބައި، ނުވަތަ ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ މި މަގުން ދަތުރުކުރެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން، ތެހެރާނުން ވަނީ އެ ސަރަހައްދުގެ ކަނޑުމަގުގެ ދަތުރުފަތުރަށް ހުރަސްއަޅައި، ބައެއް އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދޭން ފަށާފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އަމާންކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދެނީ ވަކި އުޅަނދުތަކަކަށް ފީއެއް ނެގުމަށްފަހުގައެވެ.
މި ހަލަބޮލިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލި، ކަނޑުމަގުގެ ދަތުރުފަތުރުތައް އަލުން އާންމު ހާލަތަކަށް ގެނައުމަށް ވޮޝިންގްޓަނަށް ކުރިމަތިވާ ފިއްތުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ނަތީޖާއެއްގެ ގޮތުން، އީރާނުގެ ޖޯގުރާފީ އޮތްގޮތުން ދުޝްމަނުން "ހަނގުރާމަ ފުޅާކުރުމުގެ މަޅިއެއްގައި" ޖެހުމަށް މަޖުބޫރުވެއެވެ. އަރައިގަންނަ ލަޝްކަރަކުން އެމީހުންގެ އަސްކަރީ ހަރަކާތްތައް ހަމައެކަނި އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުވަތަ މަދު ރަށްތަކަކަށް ހަނިކުރަން އުޅުނު ނަމަވެސް، ގައުމުގެ އެތެރެވަރިން އަންނަ މެދުކެނޑުމެއްނެތް ވަރުގަދަ ހަމަލާތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެ ހަމަލާތައް ހުއްޓުވުމަށްޓަކައި، އެ ލަޝްކަރަށް މަޖުބޫރުވަނީ ގައުމުގެ އެތެރެއަށް އިތުރަށް ވަދެގަތުމަށެވެ. މިގޮތުން ދާންޖެހެނީ ނުރައްކާތެރި ފަރުބަދަވަލްތަކާއި ސަހަރާތަކުގެ ތެރެއަށެވެ. އެއީ އެމީހުންގެ އަތުގައި ހުރި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ބޭނުން ނުހިފޭ، އަދި އެ ބާރުތައް ކެނޑިގެންދާ ފަދަ އުނދަގޫ ބިމެކެވެ.
އީރާނުގެ ދިފާއީ އައްޑަނައަކީ ކަނޑުތަކާއި ފަރުބަދަތަކާއި ސަހަރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ