އއ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ބީއެމްއެލް އޭޓީއެމް ގާއިމްކޮށްފި
ރާއްޖޭގެ ރައްޔިތުންނަށް ބޭންކިން ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފެށި "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. މި ޚިދުމަތް ތައާރަފުކުރުމަށްޓަކައި އއ. މާޅޮހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސްގެ އިތުރުން ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މިއަދު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފައިވާކަމަށެވެ. އއ. ހިމަންދޫ އޭޓީއެމް -- ފޮޓޯ/ ބީއެމްއެލް ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ވިއުގައެއް ހިންގަމުން އަންނަ ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ ކުރިން ޝަރީފް ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ދެތިން މަސްތެރޭ ރާއްޖޭގެ އިތުރު 56 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށް, ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ މަޝްރޫއު ނިންމަލުންކަމަށެވެ. https://sun.mv/210034 ޝަރީފް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅު ހިމެނޭ ގޮތަށް ހަތް އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފައެވެ. މިއަދު މާޅޮހުގައި ގައިމްކުރި އޭޓީއެމްއާއެކު އެ ލިސްޓަށް އއ. އަތޮޅު ވެސް އިތުރުވާނެއެވެ. މިހާރު މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗާއި، 144 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 200 އޭޓީއެމްއާއި، އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ވެސް ބީއެމްއެލްއިން ފޯރުކޮށްދޭކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ