އާމްދަނީ ލިބޭ އެންމެންގެ އަތުން އިންކަމް ޓެކްސް ނަގަން ޖެހޭނެ: ގާސިމް

އިންކަމް ޓެކްސް ނެގުމުގައި އެއްވެސް މީހަކު ތަފާތުނުކޮށް ހަމަހަމަ ކަމާއެކު އެންމެން އަތުން ވެސް ޓެކްސް ނަގަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ވަކި ބައެއްގެ އަތުން އިންކަމް ޓެކްސް ނެގުމަކީ އިންސާފެއް ނޫން ކަމަށާއި ގައުމުގެ ކޮންމެ ފަރުދަކު ވެސް އެމީހަކަށް ލިބޭ އެއްޗަކުން އިންކަމް ޓެކްސް ދައްކަންޖެހޭނެ ކަމަށެވެ. އަދި ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން އެމީހަކު އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އެންމެން ވެސް ހަމަހަމަ ވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، މަދުން އާމްދަނީ ލިބޭނަމަ އެމީހަކު ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވެސް ކުޑަވާނެ ކަމަށާއި ނަމަވެސް އެކަމުގައި އެ މީހާގެ ބައިވެރިވުން ވެސް އޮންނަން ޖެހޭނެ ކަމަށެވެ.
''އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ގައުމުގެ ކޮންމެ ފަރުދަކު އަތުން ވެސް އިންކަމް ޓެކްސް ނެގޭ ކަމުގައިވާނަމަ އެމީހަކަށް ލިބޭ އެއްޗަކުން އިންކަމް ޓެކްސް ދައްކަން ޖެހޭނެ. ވަކި ބަޔަކު އެއިން އެކްސްކުލޫސިވް ކޮށްގެން ނުވަތަ ވަކި ބަޔަކު ނުހިމަނާ ދާގޮތަށް ދިއުމަކީ އެއީ އިންސާފެއް ނޫން. އެއީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން އޭނާ އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އޭނާއަކީ އެންމެން ވެސް ވާނީ އެއްވަރު,'' ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ޓެކްސް ފައިސާއިން ހުރިހާ އެންމެންގެ ދަރިންނަށް ވެސް ބޭސްފަރުވާ ކޮށްދީ ކިޔަވައިދޭން ވެސް ޖެހޭ ކަމަށާއި އެހެންކަމުން ޓެކްސް ދައްކަން ޖެހޭނީ ވަކި މިންވަރެއް ލިބޭ ވަކި ބައެއްގެ އަތުން ނޫން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އެންމެ ތަނަވަސް މިހާ އާއި އެންމެ ނިކަމެތި މީހާވެސް ހަމަަހަމަ ވާނެ ކަމަށާއި ސިޔާސީ ބޭނުމަކަށް ވަކި ބަޔަކަށް ޓެކްސް އަމާޒު ކުރުމަކީ އެއީ އިންސާފުވެރި ކަމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހަޅާފައިވާއިރު، ބިލުގައިވާ ގޮތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ