ރައްޔިތުން ބިނާ ކުރާ ބައްދަލުވުމެއް ކެޔޮދޫގައި ފަށައިފި

ޒިންމާދާރު ރައްޔިތުން ބިނާ ކުރުމުގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ވ. އަތޮޅުގައި ފަށައިފި އެވެ.
އެ އަތޮޅުގެ ރަށްތަކަށް އަމާޒު ކޮށްގެން ހޯމް މިނިސްޓްރީން ކުރިއަށްގެންދާ ބައްދަލުވުން ފެށީ ކެޔޮދޫގަ އެވެ. ހޯމް މިނިސްޓްރީން ބުނި ގޮތުގައި ބައްދަލުވުމުގައި އެ އަތޮޅު ރަށްތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކަށް ނިސްބަތްވާ ބޭފުޅުންނާއި، ޖަމްއިއްޔާތަކުގެ ވެރިން ހިމެނެ އެވެ.
މި ބައްދަލުވުން ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށް ދެއްވީ ކެޔޮދޫ ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފެވެ. އޭނާ ވަނީ ބައްދަލުވުމުގައި ދޭ މައުލޫމާތުގެ ބޭނުން ފުރިހަމައަށް ހިފުމަށް އެދި ވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި 10 ދާއިރާއަކުން މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރާނެ އެވެ. އޭގެ ތެރެއިން ބައެއް ދާއިރާތަކަކީ ޕޮލިސް އާއި ޖެންޑާ އާއި އެޑިއުކޭޝަން އާއި އެޗްޕީއޭ އަދި އެލްޖީއޭ އެވެ.
މިއަދާއި މާދަމާ ކުރިއަށްގެންދާ މި ބައްދަލުވުން ތަކަކީ ރަށްރަށުގައި ތިބި ފަރާތްތައް އަހުލުވެރިކުރުމަށާއި، އެފަރާތްތައް މެދުވެރިކޮށް ރައްޔިތުން ޒިންމާދާރުކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. މިހާރު ކުރިއަށްދަނީ މި ސިލްސިލާގެ ފަހު ބައްދަލުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ